"އެހެން ވިއްޔާ ބުނެބަލަ. ޖިއާންއާއި ވާހަކަ ދައްކާ އިރު އުފާވެރިކަން އިހްސާސްކުރެވޭތަ؟ އޭނަޔާ ބައްދަލު ކުރެވޭނެ ވަގުތަކަށް އިންތިޒާރު ކުރެވޭތަ؟ އޭނަ ދައްކާ ވާހަކަތަށް އަބަދުހެން ކަންފަތުގައި ހަރުލާފައި ހުރޭތަ؟ މަގުމަތީ ހިނގާ އުޅޭއިރުގައި ޖިއާން ފެނޭތޯ ދެކޮޅު ހޯދާ ބެލޭތަ؟ އޭނަ ކީއްބާއޭ ކުރާނީ މިހާރު، ކައިފާނެބާއޭ، މިކަހަލަ ސުވާލުތަކެއް ހިތަށް އަރާތަ؟ ޖިއާންއާއި އެކުގައި ހޭދަވީ ވަގުތު ތަކުގައި އޭނައަށް ބަލަން އިނދެވޭތަ؟ ހިތާހިތުން އޭނަގެ ރީތިކަމަށް ތައުރީފް ކުރެވޭތަ؟" މާޒިން ފައްޗަކަށް އަމުނާލިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ ނިދަން އުޅޭ" ފުރަތަމަ ފަހަރަށް ޖިއާންދެކެ ވެވެނީ ލޯބިކަން އަފްޒަލްއަށް ގަބޫލުކުރެވުނެވެ.
***
ލީނާއާއި ފަޒީލް ހުއްޓާ ނުލާ މަސައްކަތް ކުރަމުން ދިޔައީ ޖިއާން ކޮޓަރި ދޮރު ހުޅުވާތޯއެވެ. ފަތިސް ނަމާދަށް ގޮވަން އައުމުންވެސް ޖިއާން ދޮރެއް ނުހުޅުވައެވެ. ނިދާ ނުހޭލެވެނީ ކަމަށް ހީކޮށް ލީނާ އިތުރަށް އުނދަގޫ ނުކުރީއެވެ. ނަމަވެސް ހެނދުނު އަށެއް ޖެހުމުންވެސް ޖިއާން ކޮޓަރިން ނުނިކުތުމުން ލީނާއާއި ފަޒީލް ހާސްވާގޮތްވިއެވެ.
"މި އޮތީ ތަޅުދަނޑި، ލީނާ އެތެރެއަށް ވަދެބަލާބަލަ" ފަޒީލް ކޮޓަރީގެ ތަޅުދަނޑި ހިފައިގެން އައިސްދިނެވެ. ލަސްކުރުމެއްނެތި ލީނާ ތަޅުހުޅުވާ އެތެރެއަށް ވަނެވެ. ޖިއާން ފެންނާކަށް ނެތެވެ. ލީނާއަށް ތެޅިގަނެވުނު ގޮތެއްވެސް ނޭނގެއެވެ. ދުވެފައި ފާހަނަ ބެލުމައް އެތެރެއަށް ދުއްވައިގަތެވެ. ހުއްޓުންއެރީ ކަންފަތަށް ހެޑްސެޓް ޖަހައިގެން ބިންމަތީގައި އޮތް ޖިއާން ފެނުމުންނެވެ. ބޯދަށުގައި ބާލީހެއްވެސް ނެތެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ލީނާއަށް ހަޅޭއްލަވައިގަނެވުނީއެވެ. ކޮޓަރިން ބޭރުގައި ހުރި ފަޒީލް ދުވެފައި ކޮޓަރިއަށް ވަނެވެ. ފަޒީލްވެސް ހުއްޓުން އެރީ ޖިއާން ފެނުމުންނެވެ.
ހިތްވަރުކޮށްފައި ކުރިއަށް ހިނގައިގަތީ ފަޒީލްއެވެ. ޖިއާން ގާތުގައި އުޑުފައިން އިށީނދެ އަތް ނަގާ ގާތްކޮށްލީ ޖިއާން ނޭވާލާތޯ ބަލާލުމަށެވެ. އެވަގުތު ދެލޯ ހުޅުވާލެވުނު ޖިއާން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ފަޒީލްވެސް އިންތަނަށް އިނދަޖެހުނީއެވެ. އޭރު ދުރުގައި ހުރި ލީނާވެސް އަޑުގެ ކޮޅަށް ހަޅޭއްލަވަނީއެވެ.
"ދެމީހުން ހުއްޓާލަބަލަ. އަހަންނެއް ނޫންތަ ހަޅޭއްލަވަންވީ؟" ބޮލުގައި އަތް ކާއްތާލަމުން ފަޒީލް ހިނިގަނޑެއް ޖަހާލިއެވެ. ދެ އަންހެނުންވެސް ވަގުތުން ހަޅޭއްލެވުން ހުއްޓާލިއެވެ.
"ޖީ ކީއްވެ ބިންމަތީގައި މަރު ވެފައި އޮތް މައްޔިތެއްހެން ތި އޮތީ. ކިރިޔާއެއްނު އަހަރުމެން ދެމީހުން މިއަދު މޮޔަ ނުވީ" ލީނާ އަށްވެސް ހެވެނީއެވެ. މަޑުމަޑުންގޮސް ޖިއާން ތެދުވަން އެހީވުމަށް އަތްދިއްކޮށްލީ ލީނާއެވެ.
"އަޅެ އަހަންނަށްވެސް އެހީވާން އަތެއް ދިއްކޮށްލަބަލަ. ޖިއާން ހަޅޭއްލަވައި ގަތީމަ ބިރުން އަހަރެންވެސް އިނދަޖެހުނީއޭ" ފަޒީލް ސަމާސާ ކުރަމުން ޝަކުވާކޮށްލިއެވެ.
"އަމިއްލައަށް ތެދުވެގެން ދެންދޭ" ލާނެތް ހިނިގަނޑެއް ޖަހާލަމުން ލީނާ ބުންޏެވެ. ދެ އެކުވެރިންނަށް ވާހަކަ ދައްކާލަން ފުރުސަތު ދެމުން ފަޒީލް ނުކުމެގެން ދިޔައީއެވެ.
"ޖީ ކީއްވެގެންތަ ބިންމަތީގައި އޮތީ؟" ޖިއާން އެނދުމަތީގައި އިށީނީ ބޮލުގައި ހުޅިއެއް ޖަހަމުންނެވެ.
"ރޭގައި އެއްވެސް ގޮތަކަށް ނުއެއް ނިދޭ. ހަތަރުގަޑި ބައިވީވެސް ހޭލާ އޮއްވާ." ޖިއާން އާފުރެމުން ކިޔާދިނެވެ.
"އެހެންވީމައި އަހަރެން ފަނިތަށި ހިފައިގެން އައިސް ޓަކި ޖެހީމަ ގަސްތުގައި ދޯ ނުހުޅުވީ؟" ލީނާ ހިނިތުންވެލަމުން އަހާލިއެވެ.
"ސޮރީ. އެކަނިވެލަން ބޭނުންވީ." މުޅިރޭ ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޮލުގައި ޖިއާން އަތްކާއްތާލިއެވެ.
"ސޮރީ ބުނާ ވަރުގެ ކަމެއް ނޫނޭ އެއީކީ. ބައެއް ފަހަރު އަހަރެންވެސް އެކަނިވެލަން ބޭނުންވޭ." ލީނާ ވިސްނާލަމުން ބުންޏެވެ.
"ލީންއަށް އެނގޭތަ؟ ރޭގައި މިހެން ނުނިދިގެން އޮތް އިރު އަހަރެންގެ ހިތަށް ވަރަށްގިނަ އެއްޗެހި އަރާ ފޭބި. ބައެއް ފަހަރު ހިތަށް އެރި އަމިއްލައަށް މަރުވާންވެސް. ދަންޖެހެންވެސް. ބޭސްކައިގެންވިޔަސް. ތަނަކުން ފުންމާލަންވެސް. އެކަމަކު ކޮންމެ ފަހަރަކުވެސް ހިތަށް އަރަނީ އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅުގެ އެއްވެސް ކުށެއް ނެތޭ. އެކުއްޖާއަށް އެހާ ބޮޑު އަނިޔާއެއް ދޭކަށް ނުކެރޭނެއޭ. އެކަމަކު ލީން. އަހަންނަކަށް ނޭނގޭ އަހަންނަށް އެކަނިމާއެކަނި މި ނުވަމަސް ކެތް ކުރެވިދާނެ ހެނެއް. އަދި އަހަންނަކަށް ޔަގީންކަމެއް ނެތް ވިހެއުމަށް ފަހުގައިވެސް އަހަންނަށް މި ދަރިފުޅުދެކެ ލޯބިވެވިދާނެކަމަކަށްވެސް. ލީން. އަޅެ އަހަރެން ކިހިނެއްތަ ހަދާނީ؟" އަނެއްކާވެސް ޖިއާންއަށް ފެށުނީ ރޯށެވެ.
"އެ ކަހަލަ ކަންތަކާ އެހާވަރަށް ނުވިސްނާ ޖީ. ކިހިނެއް އެނގެނީ މި ނުވަމަސް ވާނީ ޖީއަށް އުފަލުން ފުރިގެންވާ މަސްތަކަކަށް ނޫންކަމެއް. އެހެން ނޫނަސް މިހާރު ނުވަމަހެއް ނެތެއްނު؟ ލޯ މަރާލާފައި ލޯ ހުޅުވާލާއިރު ދެތިން މަސްވެދާނެ. ދަރިފުޅު ބަނޑު ތެރޭގައި ވާކަމުގެ އިހްސާސް ކުރެވެން ފެށީމަ، ދަރިފުޅު ތޮޅެން ފެށީމަ ޖިއާންއަށް އެނގެން ފަށާނެ، އެ ދަރިފުޅުދެކެ ލޯބިވެވޭކަން. އެހެންނޫނަސް ޖީ އެކަނިވިއަކަ ނުދޭނަން. ވިހަންދެންވެސް އަދި ވިހެއުމަށްފަހުގައިވެސް. އަބަދުވެސް އަހަރުމެން ޖީއާއި އެކުގައި ވާނަން. އަދި އަހަންނަށް ޔަގީން..." ލީނާއަށް ބުނެވުނީ އެހާ ވަރަށެވެ. ޖިއާން އަނގަމަތީގައި އަތްއަޅައިގެން ދުވެފައި ގޮސް ވަނީ ފާހާނާއަށެވެ. ދެން އިވުނީ ހޮޑުލާންފެށި އަޑެވެ.
"އެބަ އަންނަން ފެންތައްޓެއް ހިފައިން" ލީނާ އަވަސްވެގަތީ ފެންތައްޓެއް ގެނައުމަށެވެ.
ފާހާނައިން ނުކުމެ ޖިއާން ހިނިގަނޑެއް ޖަހާލިއެވެ.
"ބަނޑު ބޮޑުކަން އެނގުނީމަތަ ހޮޑުލެވެން ފަށަނީ؟" ޖިއާން އެހެން ބުނެލުމުން ލީނާއަށްވެސް ހެވުނެވެ.
***
މުޅިރޭ ނުނިދާ ހޭލާ އުޅުމަށްފަހުގައި އަފްޒަލް މުޅި ދުވަހު ނިދަނީއެވެ. ދެލޯ ހުޅުވާލެވޭ ކޮންމެ ފަހަރަކުވެސް ބަލާލެވެނީ ޖިއާން މެސެޖެއް ކުރިތޯއެވެ. މެސެޖެއް ނާންނަކަން އެނގުމުން އަނެއް ފަރާތަށް އެނބުރި އަނެއްކާ ނިދާލަނީއެވެ. އަފްޒަލްގެ އުޅުމަށްއައި ކުއްލި ބަދަލުގެ ސަބަބުން ޒީނިޔާއާއި ވަލީދާ ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ކެއުމެއް ބުއިމެއްނެތި އަފްޒަލް ނިދާތީ އެތަށް ފަހަރަކު އެއްޗެއް ކާލަން ނުކުތުމަށް އެންމެން ގޮވިއެވެ. ނަމަވެސް އަފްޒަލް އޮތީއެވެ. ތެދުވަން ބޭނުން ނުވެފައެވެ.
"ޖިއާން ކީއްވެގެންބާ އަހަރެން ކައިރީގައި ކައިވެންޏެއް ކޮށްގެން އުޅޭ ވާހަކަ ނުބުނީ؟ އަހަރެން ނާހާތީބާ؟ ނޫނީ ޖިއާންގެ ނަޒަރުގައި އަހަންނަކީ އިތުބާރު ހިފޭ ރަހުމަތްތެރިއަކަށް ނުވަނީބާ؟ ޖިއާންއަށް ގުޅާލަންވީބާ؟ ހާލު ބަލާލަންވެސް ގުޅިދާނެއެއްނު؟ ނޫން. އޭރުން އަނެއްކާ ޖިއާންގެ ފިރިމީހާ ހިތްހަމަ ނުޖެހޭ ގޮތްވެދާނެ. އަހަންނެއް ބޭނުމެއްނޫން އަހަރެންގެ ސަބަބުން ޖިއާންގެ ދިރިއުޅުން ހަލާކުވާކަށް" ދެލޯ މަރައިގެން އޮތް އަފްޒަލްގެ ހިތުގެ ތެރޭގައި ހީވަނީ ގަދަ ތޫފާނެއް އުފެދިގެން އުޅޭހެންނެވެ.
"އޭ ރޯމިއޯ. ނިދަން މިޔަރެއްހެން ނިދަންނޯވެ ތެދުވެބަލަ." މާޒިން އަފްޒަލްއާއި ދިމާއަށް އޮށްގައު އުކަން ފެށީ ހަވީރުވީއިރުގައިވެސް އަފްޒަލް ނުތެދުވުމުންނެވެ.
"އަހަންނަށް އެނގެޔޭ ނިދާފަ ނޫންކަން ތިއޮތީ. އަހަންނަށް ކޮން ދޮގެއް ހެދޭނީ؟ ދެން މާ ގިނަ ވައްތަރު ޖައްސަން ނުހަދާ ތެދުވަން އުޅޭ" މާޒިން އަފްޒަލް ގައިމަތީގައި އޮތް ރަޖާގަނޑު ދަމައިގަތެވެ. މަޑުމަޑުން އަފްޒަލް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ.
"މާކަނައެއް ބިމަށް ތުންހަރައިގެން އިންނަ ފާޑަށް ތިއިންނަނީ ކީއްވެގެންނޯ މިހާރު؟ ބަލަ ދުނިޔެއިން އަންހެން ކުދިން ހުސްވީތަ؟ އެހެން ގޮތަކަށް ބުނަންޏާ ކަނޑުން މަސް ހުސްވެގެންތަ ތިއުޅެނީ؟ އަދި އެކަހަލަ ކިތަންމެ މަހެއް ފެންނާނެ" މާޒިން އަފްޒަލްއާއި ދިމާކޮށްލުމުގެ ގޮތުން ބުންޏެވެ.
"ކަނޑުން މަސް ހުސްވެދާނެތީ އުޅެނީ ކާކުތަ؟ އަހަންނެއް ނޫޅެން ގައިމު. އެކަމަކު އެ މާސިންގާ ކަނޑުން އަހަރެންގެ ނަޒަރު ހުއްޓުނު މަސް އަހަރެން ހޯދަން ބޭނުންވަނީ. ތިބުނާ ކިތަންމެ މަހެއްގެ ތެރެއިން އަހަންނަށް ވިހަ މަހަކާ ދިމާވެއްޖިއްޔާ ޔޯ؟ ނޫނީ ކަށިޖަހާ މަހަކާ ދިމާވެއްޖިއްޔާ ޔޯ؟ ހޯހޯ. އަހަރެންނެއް ނޫޅެން." އަފްޒަލް މާޒިންއަށް ލޯއަޅާލިއެވެ.
"އެކަމަކު ތިހޯދަން ބޭނުންވާ މަހަކީ ލިބެންނެތް މަހެކޭވެސް ބުނީ އަމިއްލައަކަށްނު؟ އެހެން ނޫނަސް ކަނޑުގައި އުޅޭނީ ހަމައެކަނި މަސްތަ؟ ބޯވައެއް ލިބުނިއްޔާ؟" މާޒިން ސަކަރާތްޖެހުން ހުއްޓައެއް ނުލައެވެ.
"އެހެން ވިއްޔާ ތީނަގެ ހުސްނާ އެއީ ފަންހާ މަހެއްތަ؟ ނޫނީ ތީނަގެ ވާން އުޅޭ ޖަޕާނު މަސްތަ؟ ބޯ ހަލާކު. ތިހެން އުޅެނިކޮށް ކެވޭނީ ރާކަނި މަސް ތޯއްޗެއް" މާޒިންގެ މޫނަށް ބާލިހެއް އެއްލާލާފައި އަފްޒަލް ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ.
***
ލީނާއާއި ފަޒީލްތިބީ ގޭގެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ޖިއާން ބަނޑުބޮޑުކަން އެނގުނު ފަހުން މިހާރު ދެހަފްތާ ވަނީއެވެ. ޖިއާން ކޮޓަރިން ބޭރަކަށް ނުއެއް ނިކުމެއެވެ. ގަދަކަމުން ނެރެން އުޅުނަސް މަނާ ކުރަނީއެވެ. ލީނާ ޖިއާންއަށް ކާންދެނީވެސް ގަދަބާރުންނެވެ. އެކަމުގެ ސަބަބުން އެ ދެމަފިރިން ތިބެނީ ވަރަށް ކަންތައްބޮޑުވެފައެވެ.
"އަފްޒަލްއަށް ގުޅާލަންވީއެއްނު؟ ލީންއަށް ފާހަގަވިތަ ޖިއާން އަފްޒަލްއާއި ވާހަކަ ދެއްކި ދުވަސްކޮޅު ތަންކޮޅެއް ހަމަޖެހިފައި ހުރިކަން؟" ފަޒީލް ހިޔާލެއް ދިނެވެ.
"ތީވެސް ގޮތެއް، އެކަމަކު ޖިއާން ހިތްހަމަ ނުޖެހުނިއްޔާ ދެން ކިހިނެއް ހަދާނީ؟" ޖިއާން ހިތްހަމަ ނުޖެހިދާނެތީ ލީނާ ޖެހިލުންވެއެވެ.
"ހިތްހަމަޖެހުމާއި ނުޖެހުން އެއީ އަދި މުޅިން އެހެން ކަމެއް. މިވަގުތު ޖިއާންއަށް ބަލަން ތިބީ އަހަރުމެން ދެމީހުން." ފަޒީލް ލީނާގެ އަތުގައި ހިފައި ހިތްވަރުދިނެވެ.
އަފްޒަލްއަށް ގުޅީ ފަޒީލްއެވެ. އެއީ ލީނާ ބޭނުންވި ގޮތެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.
"އަފްޒަލް. ފަޒީލް އިނގޭ. ބިޒީ ގަޑިއެއްތަ އަނެއްކާ؟" ފަޒީލް މަޑުމައިތިރިކަމާއި އެކުގައި ވާހަކަ ދެއްކިއެވެ.
"ނޫން. ފަޒީލް ކަމަކުތަ؟" އަފްޒަލްއަށް އަހާލެވުނެވެ.
"އަފްޒަލް ބިޒީ ނޫނިއްޔާ ދިމާކޮށްލެވިދާނެތަ؟ ވަރަށް ބޮޑު ވާހަކައެއް ދައްކަން" ފަޒީލް އެދުނެވެ.
"މިއަދު ހިއެއް ނުވޭ ދިމާކޮށްލެވިދާނެހެން. އަޅެ ބުނެބަލަ ކޮންވާހަކައެއްކަން" އެ ދުވަހަކީ އަފްޒަލް މާޒިންއާއި އެކުގައި މަސްބާނަންދާން ނިންމި ދުވަހެއްކަމުން ފަޒީލްއާއި ދިމާކޮށްލަން އޭނާއަށް އުނދަގޫވިއެވެ.
"މިއުޅެނީ ޖިއާން.." ފަޒީލްއަށް ބުނެވުނީ އެހިސާބަށެވެ. އަފްޒަލްގެ ހިތް އަވަސްވިއެވެ.
"ޖިއާންއަށް ކިހިނެއްވީ؟ ކަމެއްވީތަ؟" އަފްޒަލްގެ ހިތްބިރުން ތެޅެން ފެށިއެވެ.
"ބަލިވެ އިނީއްސުރެ ޖިއާން ކޮޓަރިން ބޭރަކަށް ނުނިކުމޭ. އަހަރުމެންނާވެސް ވާހަކަ ދައްކަނީއެއް ނޫން. މުޅިން އެކަނިވެފައި އިންނާތީ އަފްޒަލް އައިސް އޭނަ ހަމައަކަށް އެޅުވޭތޯ ބަލާލަދޭށޭ ބުންނަންވެގެން." ފަޒީލް ޖެހިލުންވެ ހުރެ ވާހަކަދެއްކިއެވެ.
"އެއީ ކީއްވެ ޖިއާންއަށް އެވަރުގެ ބަދަލެއް އައީ؟ އެހެން ނޫނަސް އަހަރެން ދިޔައިމަ ކިހިނެއްވާނީ؟ އޭރުން ޖިއާންގެ ފިރިމީހާ ހިތްހަމަ ނުޖެހިދާނެ. އަނެއްކާ މިހާރު ޖިއާން އަހަންނާއި ވާހަކައެއްވެސް ނުދައްކާ" އަފްޒަލްގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
"ޖިއާންގެ ފިރިއަކު ނުހުރޭ" ފަޒީލްއަށް އެހެން ބުނެލެވުނީ ވިސްނާނުލައެވެ.
ނުނިމޭ