ޖިއާންގެ ހިތަށް އަރަމުން ދިޔައީ ޖިއާންއަށް ކުއްޖަކު ލިބުމުންދެން ކަންތައް ވާނެ ގޮތަކާއި ދޭތެރޭގައެވެ. އެއީ ޖިއާން އުއްމީދު ކުރިގޮތެއް ނޫނެވެ. ނަމަވެސް އުއްމީދު ނުކުރާ ކިތަންމެ ކަމެއް ޖިއާންގެ ދިރިއުޅުމުގައި އަންނަނީ ވަމުންނެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރަން މަސައްކަތް ކުރަން އުޅުނު ނަމަވެސް އެކަން އަންނަނީ ނާކާމިޔާބު ވަމުންނެވެ. ލޮލުން އޮހެމުން ދަނީ ހުއްޓުމެއް ނެތް ކަރުނައެވެ.
"ސަރޕްރައިޒް" ޖިއާން ސިއްސައިގެން ދިޔައީ ކޮޓަރިތެރެއިން އަފްޒަލް ގޮވާލި އަޑަށެވެ."އަފްޒަލް ކީއްކުރަނީ މިތާ؟" ޖިއާން ހައިރާންވިއެވެ.
"ޖިއާންގެ ހަބަރެއް ނުވާތާ ގިނަ ދުވަސްވީމައި ހިތަށްއެރީ ދެކިލަން އަންނާނީއޭ." އަފްޒަލް ގެނައި މާބޮނޑި ދިއްކޮށްލަމުން ބުންޏެވެ.
"އެހެންތަ؟ އަފްޒަލް ރަނގަޅުތަ؟ މިއީ ކޮން ކަމެއް؟" މާބޮނޑި ހިފައިގެން ކޮޓަރިތެރެއަށް ވަންނަމުން ޖިއާން އަހާލިއެވެ.
"އަހަރެން ހަމަ ބަރާބަރު. ޖިއާން ކިހިނެއްތަ؟ ދެން އަނެއް ސުވާލަށް ބުނާނީ ތިއީ ޖިއާން ނުފެނި ގިނަދުވަސް ވީމަ ގެނައި ހަދިޔާއެކޭ" އަފްޒަލް އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭންތަކަށް ކެތްތެރިވަމުން ހިނިތުންވެލިއެވެ.
"އަހަރެންވެސް ގޯހެއް ނޫން." ޖިއާން އިސްޖަހާލިއެވެ. އަފްޒަލްއަށް އެކަން ފާހަގަވިއެވެ.
"މިދުވަސްކޮޅު ގެއިން ބޭރަށްވެސް ނުދަންތަ؟ މަގެއްގެ މަތިންވެސް ނުފެނޭ ވިއްޔާ މިހާރު. ޖިއާން ނުގުޅާތީ ގުޅާލަންވެސް ނުކެރިފައި މިހުރެވުނީ. އެކަމަކު މިއަދު މާބޮޑަށް ހަނދާންވީމަ ހިތަށް އެރީ އަންނަންވީއޭ ޖިއާން ދެކިލަން." އަފްޒަލް ޖިއާންގެ ކޮޓަރިއަށް ވަށައިގެން ބަލާލިއެވެ. އެއީ އަފްޒަލްގެ ކޮޓަރިއާއި އަޅާބަލާއިރު ކުޑަ ކޮޓަރިއެކެވެ. ހުރިހާ އެއްޗެއްވެސް ވަނީ ތަރުތީބު ކުރެވިފައެވެ. ރީއްޗަށް ކުނިކަހާ ސާފުކުރެވިފައެވެ.
"އެހާ ވަރަށް ގެއިން ބޭރަށް ނުކުންނަ ހިތެއް ނުވޭ. އަނެއްކާ ހޮޑުލެވޭވަރުން ކިހިނެއް ގެއިން ބޭރަށްދާނީވެސް؟" ޖިއާން އަފްޒަލް ގެނެސްދިން މާބޮނޑި އެނދުމަތީ ބާއްވާލިއެވެ.
"ތިހެން ބުނީމަ ހީވޭ ޖިއާން ވަރަށް ހިކިއްޖެހެންވެސް. ޖިއާން ނުކަނީތަ؟ ނޫނީ ކަމަކާ މާ ބޮޑަށް ވިސްނަނީތަ؟" އަފްޒަލް ބޭނުންވީ ޖިއާން ބުނާ އެއްޗެއް ބަލާލާށެވެ.
"އަހަރެން ކޮން ކަމަކާ ވިސްނަންވީ. ލީނާމެން ކިތަންމެހާވެސް ރަނގަޅު. އަހަރެން ލައްވާ އެއްވެސް ކަމެއް ނުވެސް ކުރުވާ. އަހަރެން އެއްވެސް ކަމަކާ ނުވިސްނަން" ޖިއާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
"ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހުއްޓަސް ހަމަ ވިސްނަންޖެހޭ ކަމެއް، ނޫނީ ވިސްނޭކަމެއް ހުރެދާނެއެއްނު؟" ޖިއާންއަށް ބަލަމުން އަފްޒަލްވާހަކަ ދެއްކިއެވެ.
"ނޫނޭ. ހުރިހާ ކަމެއްވެސް ހަމަ ރަނގަޅު. އަހަރެން ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތް" ލޮލުން ވެއްޓުނު ކަރުނަތިކި ޖިއާންގެ ކޯތާފަތްމަތިން އަފްޒަލްއަށް ފެނުނެވެ.
"ޖިއާން ކީއްވެތިރޮނީ؟ ހުރިހާ ކަމެއް ރަނގަޅު ނަމަ ޖިއާންގެ ލޮލުން ކަރުނަ އަންނާނެތަ؟" އަފްޒަލްގެ ހިތުގައި ޖެހުނެވެ.
"އެއީ ދެންމެ ލޮލަށް ކުނޑިކޮޅެއް ވެއްޓުނީ ކަންނޭނގެ." ޖިއާން މަސައްކަތްކުރީ އޮޅުވާލާށެވެ.
"ޖިއާން. އަހަރެން މިއީ ކުޑަކުއްޖެއް ނޫން. އަހަރެން ބޭނުންވީ ޖިއާން ދެރަކޮށްލާކަށް ނޫން. ޖިއާން އެއްވެސް ވާހަކައެއް ހިއްސާކޮށްލަން ބޭނުންނަމަ އަހަރެން އަބަދުވެސް ހުންނާނަން. ޖިއާން ދައްކާ ހުރިހާ ވާހަކައެއް އެންމެ ކައިރިން އަޑު އަހާނަން. މިއަދު ނޫނަސް އެންމެ ރަނގަޅު. ދުވަހެއްގެ ކޮޅުން އަހަރެންގެ ބޭނުމެއް ޖެހުނަސް އަހަރެން ހުންނާނަން. ޖިއާން ރޯލަން ބޭނުންވާ ކޮންމެ ވަގުތެއްގައި ޖިއާންގެ ގާތުގައި ހުންނާނަން. އަހަރެންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ އަބަދުވެސް ޖިއާންއަށް ރޮވޭނެ. ޖިއާންއަށް ލިބޭ ކޮންމެ އުފަލެއްގައި، އެ އުފާވެރިކަމުގައި ބައިވެރިވާން އަހަރެން ހުންނާނަން. ފަހަރެއްގައި އަހަރެންނަށް ހުރިހާ މައްސަލައެއްގެ ހައްލު ހޯދަދޭން އުނދަގޫވެދާނެ. އެކަމަކު ޖިއާން ދުވަހަކުވެސް އެއްވެސް ކަމެއްގައި އެކަނިވެރިވެފައި ހުންނާކަށް ނުޖެހޭނެ." އަފްޒަލް ޖިއާންގެ ކުރިމައްޗަށް ހުއްޓި ހުރެ ވާހަކަދެއްކިއެވެ.
ޖިއާން އަނގައިން އެއްވެސް އެއްޗެއް ނުބުނެއެވެ. އަފްޒަލްއަށް ވިސްނާލުމައް ފުރުސަތެއް ދިނުމެއްނެތި އަފްޒަލްގެ ގައިގާ އޮޅުލައިގަތެވެ. އަޑުންއަޑުނަގާ ރޯންފެށިއެވެ. ފުރަތަމަ އަފްޒަލްއަށް ހުރެވުނީއެވެ. އިރުކޮޅަކު އެހެން ހުރުމައްފަހުގައި އަފްޒަލް ދެ އަތްނަގައި ޖިއާންގެ ގައިގާ ހިފަހައްޓާލިއެވެ. އަފްޒަލްގެ ލޮލުންވެސް ފަހަރަކު ކަރުނަތިއްކެއް ކޯތާފަތްމައްޗަށް ވެއްޓެމުން ދިޔައެވެ. ނަމަވެސް އެކަން ފާހަގަވުމެއްނެތި ޖިއާން ހުއްޓާނުލާ ރޮމުން ގެންދިޔައެވެ. ކިތަންމެ ފަހަރަކު ޖިއާންއަށް ދިމާވި ހުރިހާ ކަމެއް އެނގޭ ވާހަކަ ބުނުމައް ހިތަށްއެރި ނަމަވެސް އަފްޒަލްއަށް އެހެން އެކަން ކުރެވޭކަށް ނެތެވެ.
***
ދުވަހަކަށް ފަހު ދުވަހެއް މާޒީއާއި އެކުވަމުން ދެއެވެ. ޖިއާންގެ ބަނޑަށް ފަސްމަސް ފުރި ހަ މަހަށް އެޅީއެވެ. ޖިއާންގެ ދިރިއުޅުމުގައި އަފްޒަލްއައީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ކޮންމެ ދުވަހަކު ގިނަ ވަގުތު އަފްޒަލް ހޭދަކުރަނީ ޖިއާންމެން ގޭގައެވެ. ޖިއާންއަށް ގަޑިން ގަޑިއަށް ބޭސްކާންދޭން އަފްޒަލް ހަނދާން ބަހައްޓައެވެ. ކޮންމެ ގަޑިއެއްގައި ނުކާން ވަރުދައްކާލާފައި ހުންނަ ޖިއާންއަށް ކާންދެވެނީ ކޮންމެ ފަހަރަކުވެސް އަފްޒަލް ގޮސްގެންނެވެ. ޖިއާން ޑޮކްޓަރަށް ދައްކަން ދާ ކޮންމެ ދުވަހެއްގައި ޖިއާންއާއި އެކުގައި ހޮސްޕިޓަލަށް ދަނީވެސް އަފްޒަލްއެވެ.
އަފްޒަލްއަށްޓަކައި ޖިއާންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވިއެވެ. ނަމަވެސް އެ ވާހަކަ ޖިއާން ބުނާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ ޖިއާންގެ ހަޔާތުގެ ގިނަ ކަންތައްތަކެއް އަފްޒަލްއަށް ނޭނގޭތީއެވެ. އަދިވެސް ޖިއާންއަށް އެވާހަކަ އަފްޒަލްގާތުގައި ބުނަން ނުކެރޭތީއެވެ. އެންމެ ފުރަތަމަ އެވާހަކަ ޖިއާންއަށް އަފްޒަލްއާއި ހިއްސާކުރަން ނުކެރުނީ އަފްޒަލް ޖިއާންއާއި ދޭތެރޭ ދެކޭގޮތް ބެދަލުވެދާނެތީއެވެ. ނަމަވެސް މިހާރު އެވާހަކަތަށް ހިއްސާކުރަން ނުކެރެނީ ޖިއާންގެ ދިރިއުޅުމުން އަފްޒަލް ހިނގައިދާނެތީއެވެ. މިހާރު އަފްޒަލް ގެއްލިދާނެތީ ޖިއާން ބިރުގަނެއެވެ.
ބަލިވެ އިންކަން އެނގުނު ދުވަހު ބަނޑުގައި އޮތް ދަރިފުޅުދެކެ ލޯބި ނުވެވުނު ނަމަވެސް މިހާރު ޖިއާން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ދަރިފުޅު ތޮޅިލާ ކޮންމެ ފަހަރެއްގައި ޖިއާންއަށް ހަމަޖެހުން ގެނުވައެވެ. އެކަނިވާ ވަގުތު ތަކުގައި ބަނޑުގައި އަތްކާއްތަމުން ކުޑަ ދަރިފުޅާއި ވާހަކަ ދައްކާ ހަދައެވެ.
"އަފްޒަލް ބަލާބަ. ބޭބީ އެބަ ކިކް ކުރޭ" ޖިއާން އަފްޒަލްއަށް ގޮވާލަމުން ބުނެލިއެވެ. އޭރު އަފްޒަލް ހުރީ ފަޒީލްއާއި އެކުގައި ތަށިތަށް ދޮންނާށެވެ. ޖިއާންއެހެން ކިޔާފައި ގޮވާލުމާއި އެކުގައި އަފްޒަލް އަވަސްއަވަހަށް ތަށިތަށް ބަހައްޓާފައި އަތްދޮވެލައިގެން ދިޔައެވެ. އަފްޒަލް ހަމަޖެހިލީ ޖިއާންގެ ބަނޑުގައި އަތް ޖައްސާލަމުންނެވެ. ސިންކު ކައިރީ ހުރި ފަޒީލްއާއި އުނދުންކައިރީ ހުރި ލީނާއަށްވެސް ހިނިތުންވުމާއި އެކުގައި ބަލާލެވުނީ އެދެމީހުންނަށެވެ.
"އާނ. ބޭބީ ތޮޅިލައިފި." އަފްޒަލްގެ މޫނުމަތިން ފެނުނީ އާދަޔާ ހިލާފަށް ބޮޑު ހިނިތުންވުމެކެވެ. ލާނެތް ފާޑަކަށް ލީނާ ކަރުކެހިލީ އެވަގުތުގައެވެ. ސިއްސައިގެން ގޮސް އަފްޒަލްއަށް ދުރަށް ޖެހިލެވުނީއެވެ.
"ކިހިނެއްވީ ދުރަށްޖެހުނީ؟ އެހެން ކައިރީގައި ތިބެބަލަ. ހާދަ ލޯތްބޭ ދެމީހުން" ލީނާ ޖިއާންއަށް އެލޯ މަރާލަމުން ސަމާސާ ކޮށްލިއެވެ.
"މޮޔަ ގޮވަން ނުހަދަބަލަ" ޖިއާން މަޑުމަޑުން ސޯފާއިން ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ. ލީނާ ބުނި އެއްޗަކުން ޖިއާން ލަދުގަތީއެވެ. އަފްޒަލް ހިނިގަނޑެއް ޖަހާލަމުން ގޮސް ޖިއާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
"ކީއްވެގެން ކޮޓަރިއަށް ތިއައީ؟" އަފްޒަލް ގޮސް ޖިއާންކައިރީ އެނދުގައި އިށީނެވެ.
"ލީން ބުނި އެއްޗަކުން ދެން އިންނަން ނުކެރުނީ. ނޭނގޭ. ލީންވެސް އެހެން ހުރެފައި ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ." ޖިއާން އިސްޖަހާލިއެވެ.
"އެއީ މައްސަލައެއް ނޫނޭ. އެމީހުން މަޖާކޮށްލީއޭ. އެހެން ނޫނަސް ނޭނގެއެއްނު ކަންތައް ވާނެ ގޮތެއް ކިހިނެއް އެނގެނީ؟" އަފްޒަލް އެހެން ބުނެލީ ވަރަށް ވިސްނާފައެވެ.
"ނޫން. އެމީހުން އެ ހީކުރާ ކަހަލަ އެއްވެސް ކަމެއް އަހަރުމެން ދެމީހުންގެ ތެރޭގައި ނުއެއްވާނެ. އެއީ އަހަންނަށް ޔަގީންކަމެއް" ޖިއާން އަމިއްލަ ނަފްސަށް އިތުބާރު ކުރިއެވެ.
"ކިހިނެއް އެނގެނީ؟ ޖިއާންއަށް ހަމަ އަސްލުވެސް ނޭނގެނީތަ؟ ނޫނީ އެނގެން ބޭނުން ނުވަނީތަ؟ ޖިއާންއަށް ހިއެއް ނުވޭތަ އަހަރެންގެ ހިތުގައި ޖިއާންއަށް އިހްސާސްތަކަކާއި ޖަޒްބާތުތަކެއް ވާހެން؟ މިނިމުނު ދުވަސްތަކުގައި ޖިއާން ހަމައެކަނި އަހަރެން ދެކެމުން އައީ ރަހުމަތްތެރިއެއްގެ ގޮތުގައި ތަ؟ ކުޑަކޮށްވެސް، ކުނޑިފުކެއް ވަރަށްވެސް އެހެންކަހަލަ އިހްސާސެއް އަހަންނަށްޓަކައި ނުކުރެވޭތަ؟ އެންމެ ފަހަރަކުވެސް ޖިއާންގެ ހިތުގައި އަހަންނަށް..." އަފްޒަލްއަށް ބުނެވުނީ އެހިސާބަށެވެ.
"ނޫން އަފްޒަލް. ތި ވާހަކަ ނުދައްކާ. އަފްޒަލް ކީއްކުރަން އަހަރެން ދެކެ ލޯބިވާންވީ؟ ކޮބާ ބޭނުމަކީ؟ އަހަރެންގެ ފަރާތުން އަފްޒަލްއަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ. އެންމެންނަކީ ނަސީބުވެރިންނެއް ނޫން. ބަދުނަސީބުވެރިންގެ ތެރޭގައި އަހަރެން ހިމެނޭނީ. އަހަރެން ކިތަންމެ ވަރަކަށް އެއްޗެއް، ނުވަތަ މީހަކު ބޭނުންވިޔަސް އަހަންނަށް އެހާ ހިތްވަރު ލިބިގެނެއް ނުވޭ އެކަމެއް ކުރާކަށް، އެ މީހަކު ނީ އެ އެއްޗެއް ހޯދާކަށް. އަފްޒަލްއަށް އަހަރެންގެ ހަގީގަތް އެނގޭނަމަ މިވަގުތު އަހަރެންގެ ކައިރީގައި ނުވެސް ހުންނާނެ." ޖިއާންއަށް ރޮވެންފެށުނެވެ.
"ޖިއާން. ޖިއާން. ޖިއާން. ހިތަށް އަހަންނަށް ބާރުފޯރުވޭނެތަ؟ މީހުންނަށް މީހުންދެކެ ލޯބިވެވެނީ ވަކި ސަބަބެއް އޮވެގެންތަ؟ ބޭނުމެއް އޮވެގެންތަ؟ ކޮންމެ މީހެއްގެވެސް ހަޔާތުގައި އަޑިގުޑަންތަކެއް އަންނާނެ. ކެތްތެރިވާން ވާނެ. މީހުން ބުނާތީ އަހަރެން އަހަން. ހަޔާތަކީ ވަރަށް ކުރު އަދި އެހާމެ ދިގުވެސް އެއްޗެކޭ. އަހަންނަށް އަހަރެންގެ ހަޔާތުގެ ދިގުމިނެއް ބުނާކަށް ނޭނގޭ. އެކަމަކު މި ހަޔާތުން ފާއިތުވި ދުވަސްތަކުން އެންމެ އުފާވެރި ދުވަސްތަކެއް އަހަންނަށް ވޭތު ކުރެވުނީ ޖިއާންއާއި އެކުގައި. ޖިއާންގެ ފަރާތުން ބަދަލުގައި އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. މިއަދާއި ހަމައަށް އަހަންނަށް ޖިއާންގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަން އަހަންނަށް ފުދޭ. އަނެއްކޮޅުން ޖިއާންގެ ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން އަހަންނަށްވެސް ހިތްހަމަޖެހުން ގެނުވައިދޭ. އަހަންނެއް ނުބުނާނަން ޖިއާން ގާތުގައި އަހަރެންދެކެ ލޯބިވާށޭ. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން. އެކަމަކު އަހަރެން ޖިއާން ގާތުގައި ބުނެލަން އޮތީ އަހަރެން އަބަދުވެސް ޖިއާންއާއި އެކުގައި ވާނަމޭ. " އަފްޒަލް ޖިއާންގެ އަތުގައި ހިފާލިއެވެ.
"އަހަރެންގެ ހުރިހާ ހަގީގަތެއް އެނގުނީމަވެސް އަފްޒަލް ތިގޮތުގައި އަހަންނާއި އެކުގައި ހުންނާނަންތަ؟ އަބަދުވެސް އަހަރެންގެ ރަހުމަތްތެރިއެއްގެ ގޮތުގައި؟" ޖިއާން ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ލޮލުގެ ނުފުށުން ފޮހެލިއެވެ.
"އަޅެ އަޖުމަ ބަލާލަންވީ އެއްނު؟" ހިނިތުންވެލަމުން އަފްޒަލް ބުނެލިއެވެ.
-ނުނިމޭ-