"އަހަރެންގެ ހުރިހާ ހަގީގަތެއް އެނގުނީމަވެސް އަފްޒަލް ތިގޮތުގައި އަހަންނާއި އެކުގައި ހުންނާނަންތަ؟ އަބަދުވެސް އަހަރެންގެ ރަހުމަތްތެރިއެއްގެ ގޮތުގައި؟" ޖިއާން ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ލޮލުގެ ނުފުށުން ފޮހެލިއެވެ.
"އަޅެ އަޖުމަ ބަލާލަންވީ އެއްނު؟" ހިނިތުންވެލަމުން އަފްޒަލް ބުނެލިއެވެ.
ކޮންމެ ގޮތެއް ވީނަމަވެސް ހެޔޮ ކަމަށް ޖިއާން އަފްޒަލްއަށް ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. މަންމަމެން ނިޔާވުމުން ކަންތައްތަށް ވީ ގޮތުގެ ވާހަކައެވެ. މާލޭގައި ކިޔަވަން ހޭދަކުރި ދުވަސްތަކުގެ ވާހަކައާއި ޒާހިދާ ކައިރީ ހުރި ވާހަކައެވެ. މޮޅަށް ކިޔަވައިގެން އަދާކުރި ވަޒީފާގެ ވާހަކައެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. ޒާހިދާގެ ފިރިމީހާ ކަންތައް ކުރި ގޮތުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ގެއިން ނުކުންނަން މަޖުބޫރުވެ ލީނާގެ އެހީއަށް އެދުނު ގޮތުގެ ވާހަކައެވެ. ޖިއާން ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔަ އިރުގައި އަފްޒަލްގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ބައެއް ފަހަރު ދެލޯ ފިއްތާލާ ބާރުކޮށްލެވެނީ ކަރުނަތަށް ހިންދާލުމުގެ ބޭނުމުގައެވެ.
ޖިއާންގެ ވާހަކަތަކުން އަފްޒަލްގެ ހިތަށް އެތަކެއް އަނިޔާއެއް ވަމުން ދިޔައެވެ. ކިތަންމެ ފަހަރަކު ޖިއާންގެ ގައިގާ ބައްދާލާ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގެ އުއްމީދު އާލާކޮށްދޭން ބޭނުންވިއެވެ.
ހުރިހާ ވާހަކައެއް ކިޔާދީ ނިމެންދެން އަފްޒަލް އިނީއެވެ. ޖިއާންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހުއްޓުވަން މަސައްކަތް ކުރުމެއްނެތިއެވެ. ރޯލުމުންވެސް އެހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ.
"ދެން އަޅެ އަފްޒަލްއަށް ހުރިހާ ކަމެއް އެނގުނީމަވެސް އަހަރެންގެ ހަޔާތުގައި ހުންނާނަންތަ؟" ޖިއާން އަފްޒަލްއަށް ބަލާލީ ކަރުނުން ފުރިގެންވާ ދެލޮލުންނެވެ. އަފްޒަލް ޖިއާންއާއި ގާތަށް ޖެހިލިއެވެ.
"ތިވީ އެއްވެސް ކަމެއްގައި ޖިއާންގެ ކުށެއް ނެތެއްނު؟ އަހަރެން ކީއްވެގެން ޖިއާން ދޫކޮށްފައި ދާންވީ؟ އެހެން ނޫނަސް ތިހާ ހިތްވަރުގަދަ ކުއްޖެއްދެކެ އަހަންނަށް، ކީއްކުރަން އެހެން ފިރިހެނުންނަށްވެސް ލޯބިވެވޭނެ. އެހެން ނޫނަސް ޖިއާންއަށް އެނގޭތަ؟ ޖިއާން ތި ހުރިހާ ކަމެއް ހިތުގެ ތެރެއިން ބޭރުކޮށްލާ ރޯލަން މާ ލަސްވެސް ވެއްޖެ. ހިތާ ސިކުނޑިއަށް ބާރުކުރާވަރަށް ކަމަކާއި މެދު ވިސްނާ ދެރަވެވެންޏާ ރޯލުން އެއީ އެއްވެސް މައްސަލައެއް ނޫން." އަފްޒަލް ޖިއާންގެ އަތުގައި ހިފާލިއެވެ.
"އަހަރެން މިކިޔާދިން އެއްވެސް ކަމަކުން އަފްޒަލް އަހަންނާއި ދޭތެރޭގައި ދެކޭގޮތް ބަދަލެއް ނުވޭތަ؟ ޔަގީންތަ؟ އެކަމަކު އަހަރެން ހީކުރީ..." ޖިއާންއަށް ބުނެވުނީ އެހާ ހިސާބަށެވެ.
"ޖިއާން ހީކުރީ އަހަރެން ދުންކަނޑާފައި މިގެއިން ނުކުމެގެން ނައްޓާލާނީކަމަށްތަ؟ އެހެން ކިހިނެއްވާނީ؟ އަހަރެންގެ ހިތް ދަމައިގަތް ފުރަތަމަ އަންހެން ކުއްޖާ ތިއީ. އެހާ ފަސޭހައިން ކިހިނެއް އަހަރެންގެ ފަރާތުން ސަލާމަތްވާނީ؟" އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.
"އެހެން ނޫނަސް ޖިއާން ތިކިޔާދިން އެއްވެސް ކަމަކުން މި ހިތުގައި ޖިއާންއަށް އޮތް ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ" އަފްޒަލް އޯގާތެރިކަމާއި އެކުގައި ބުންޏެވެ.
"ތެންކް ޔޫ" ޖިއާން ޝުކުރުވެރިވިއެވެ.
"ޖިއާން އަހަރެން ކަމަކު އެދެންތަ؟ މިއީ ހަމައެކަނި އަހަރެން ޖިއާންދެކެ ލޯބިވާތީ ދައްކާ ވާހަކައެއް ނޫން އިނގޭ. ކުޑަ ދަރިފުޅު ލިބުނީމަ ޖިއާން ނުވިސްނަންތަ ކައިވެންޏެއް ކުރާކަށް؟ މި ބުނީ އެކަނި ކުޑަ ކުއްޖަކު ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމެއް. ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ މަންމައަކާއި ބައްޕައެއް. އުފާވެރި އާއިލާއެއް." އަފްޒަލް ޖިއާންއަށް ވިސްނާދޭން ބޭނުންވިއެވެ.
"ދެންމެއޭ އަފްޒަލްއަށް މިކިޔާދިނީ ކަންތައް ވެގެން ދިޔަގޮތް! ހުދު އަހަންނަށްވެސް ނޭނގޭ މި ދަރިފުޅުގެ ބައްޕައެއް. ވަކި އެހެން ކޮން ފިރިހެނަކު ބޭނުންވާނީ ބައްޕައެއް ނެތް ކުއްޖެއް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރަން؟ އެހާ މާތް މީހުން މިދުނިޔޭގައި މިހާރު އުޅޭކަމެއް އަހަންނަކަށް ނޭނގޭ" ޖިއާން މާޔޫސްވިއެވެ.
"ޖިއާން. ޖިއާން. އަހަންނާއި ޖިއާން ދިމާވީއްސުރެ އަހަރެންގެ ހިތްއެދި ގޮވަމުން މިދަނީ ޖިއާންއަށް. ޖިއާންގެ އުފާވެރިކަން އަހަންނަށް ހުރިހާ ކަމަކަށް ވުރެވެސް މުހިއްމު. ނިދުނަސް އަހަންނަށް ކިޔެނީ ތިނަން. ބޭނުންވަނީ އުމުރަށްވެސް ޖިއާން ރައްކާތެރިކޮށް، ހިތާމަތަކުން ދުރުކުރަން. މީހަކު އަހަރެން ޖިއާންއާއި ދުރަށްދާން ބުންޏަސް އަހަންނަށް ދުރަށް ނުދެވޭވަރަށް ޖިއާންދެކެ ލޯބި ވެވިއްޖެ. ތި ހަޔާތުން ހުރިހާ ހިތާމައެއް ފުހެލާ އުފާވެރިކަން ގެނެސްދޭ މީހަކަށް އަހަރެން ވުމަށް އެންމެ ފުރުސަތެއް ދޭތޯ މިހިތް އަބަދު މިދަނީ އާދޭސް ކުރަމުން. އަހަރެން ލޯބިވަނީ ހަމައެކަނި ޖިއާންދެކެއެއް ނޫން. ޖިއާންގެ ބަނޑުގައިވާ ދަރިފުޅުދެކެވެސް ހަމަ އެހާވަރަށް ލޯބިވޭ. އަހަންނަކަށް ނޭނގޭ ޖިއާންއަށް މިހުރިހާ ކަމެއް ޔަގީންކޮށްދޭނެ ގޮތެއް. އަހަންނަށް ޖިއާންގެ ދިރިއުޅުމުގައި ރަހުމަތްތެރިއަކަށްވުރެ މަތީ ހައިސިއްޔަތަކުން ހުރެވިދާނެތަ؟ އަހަރެން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާނަން. ޖިއާން ބުނިއްޔާ ބުނިހާކަމެއް ކޮށްދޭނަން." އަފްޒަލް ކަކޫ މައްޗަށް ތިރިވެ ޖިއާންއަށް އަތްދިއްކޮށްލިއެވެ.
"ޖިއާން އަހަރެންގެ މީހަކަށް ވެދާނަންތަ؟" އަފްޒަލްގެ އަތްދިއްކޮށްގެން އިނދެ އަހާލިއެވެ.
ޖިއާންއަށް އިނދެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. މީހާ ހުއްޓުން އަރާފައެވެ. އެއީ ކުރިން ޖިއާން އަބަދުވެސް ދެކެން ބޭނުންވި ދުވަހެކެވެ. ފިރިހެން ކުއްޖަކު ޖިއާންއަށް ލޯބިން އެފަދަ ގޮތަކަށް ލޯބި ހުށައެޅުމެވެ. ނަމަވެސް އެފަދައިން ކަންތައް ކުރާނީ އަފްޒަލް ކަމެއް ނޭނގެއެވެ.
"ސޮރީ އެހެން ފަހަރަކު މާ ބޮނޑިއަކާއި އަނގޮޓިއެއްވެސް ގެނެސްދޭނަން. މިވަގުތު ހަމައެކަނި ދެވެން އޮތީ އަތާއި ހިތް" އަފްޒަލް ހާސްވެފައި ވީ ނަމަވެސް ސަމާސާ ކޮށްލިއެވެ.
"އެ އެއްޗެއްސާ އެއްކޮށް ވަރަށް މީރު މަޖާގަނޑެއްވެސް ލިބިދާނެތަ؟" ޖިއާން ހިނިތުންވެލިއެވެ.
"އަހަރެންގެ މީހަކަށްވީމައި ގެއިން މަޖާ ހުސްވިޔަކަވެސް ނުދޭނަން" އަފްޒަލް ހިނިތުންވެލިއެވެ.
ޖިއާން މަޑުމަޑުން އަތްދިއްކޮއްލާ އަފްޒަލްގެ އަތުގައި ހިފަހައްޓާލިއެވެ. އަފްޒަލްއަށް އުފަލުން ރޮވުނެވެ. އެއީ އަފްޒަލްގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ވަގުތެވެ.
ޖިއާން ހުރީވެސް އުފަލުން ފޮޅިފައެވެ. އެކަނިވެރިވެފައި ވަނިކޮށް އެ އެކަނިވެރިކަމުން ނެރެދިނުމަށް މީހަކު އެދުމުންނެވެ. ވީރާނާވެފައިވާ ހިތަށް އަފްޒަލްގެ ލޯބީގެ ސަބަބުން އައު ދިރުމެއް ލިބޭނެކަމުގެ ފުރިހަމަ އުއްމީދުގައެވެ.
***
ދުވަސްތަށް ވޭތުވަމުން ދިޔައީ އުފާވެރިކަންމަތީގައެވެ. ޖިއާންއާއި އަފްޒަލް އެކުއެކީގައި ވަގުތުތަށް ހޭދަކުރަމުން ދިޔައެވެ. އަފްޒަލްގެ ގެއަށް ޖިއާން މަޑުމަޑުން ގެންދަން ފެށިއެވެ. އާއިލާ އެންމެންނަށް ޖިއާން ތައާރަފްކޮށްދީ ގުޅުން ބަދަހި ކުރަން ފެށިއެވެ. އަފްޒަލްގެ ނިންމުމަށް އެންމެންވެސް އައީ ތަރުހީބުދެމުންނެވެ.
ޖިއާން ވިހާ ގަދަވުމުން ކައިވެނީގެ ކަންތައް ކުރިޔަށް ގެންދަން ޖިއާންއާއި އަފްޒަލް ނިންމިއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް އަފްޒަލްއައީ ކުރަމުންނެވެ. ވިހަންވާއިރަށް ދެމައިންނަށް ހެދުމާއި ރީތިވާ ސާމާނު ހޯދާ ހަމަކުރިއެވެ. ޖިއާންގެ ކޮޓަރީގައި ކުލަލައި ކުޑަދަރިފުޅަށް އެނދެއް ވައްދާ ކޮޓަރި ފުރިހަމަ ކުރިއެވެ.
"އަންހެން ކުއްޖެއް ވިއްޔާ އަހަރެން ބޭނުމީ ޖީހާން ކިޔަން" އަފްޒަލް ވާހަކަދެއްކީ އަފްޒަލްގެ ދޮންމަންމަ ވަލީދާއާއެވެ. ވަށައިގެން ގޭގެ އެންމެންވެސް ތިއްބެވެ.
"ދެން ފިރިހެން ކުއްޖެއް ވިއްޔާ؟" ވަލީދާ އަފްޒަލްގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.
"ފިރިހެން ކުއްޖެއް ވިއްޔާ ނަން ކިޔަން ދޭނީ ޖިއާންއަށް. އަހަރެން ބޭނުމީ ޖިއާން ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް." ރޭޝްމާގެ ދަރިފުޅު އީހާން އުރާލަމުން އަފްޒަލް ބުނެލިއެވެ.
"ބްރޯ ވަރަށް ކަޑަ އިނގޭ ތީތި. މިހާރު އެންމެން ބްރޯގެ ލަވް ސްޓޯރީގައި ޖެހިފައި އަހަންނާއި ހުސްނާގެ ވާހަކައެއްވެސް ނުދައްކާ. އަހަރުމެންވެސް ކައިވެނި ކުރަން ބޭނުމޭ" ހުސްނާ ގޮވައިގެން ގެއަށް އައިސް ވަތް މާޒިން ޝަކުވާ ކުރިއެވެ.
"އެހެން ވިއްޔާ ދެ ކުދިން އެއްކޮށް ކައިވެނި ކުރަން ހަދަންވީއެއްނު؟ ޖިއާންވެސް ވިހާނެއެއްނު މި މަހުގައި. ޖިއާން ވިހާ ގަދަވީމައި މާޒިންވެސް އަދި އަފްޒަލްވެސް އެއް ދުވަހެއްގައި ކައިވެނި ކުރަންވީއެއްނު؟ އޭރުން މިގެއަށް ކިހާ ބޮޑު އުފާވެރިކަމެއް ލިބޭނެ؟" ޒީނިޔާ ހިނިތުންވިއެވެ.
"އާނ ތިއީ ވަރަށް ރަނގަޅު ގޮތެއް. ބްރޯ އަވަހަށް ހިނގާ މިކަމަށް ގޮތެއް ނިންމަމާ" މާޒިން ހިނިގަނޑެއް ޖަހާލަމުން ހުސްނާއަށް އެއްލޯ މަރާލިއެވެ.
އަފްޒަލް ޖިއާންއަށް ގުޅާ ގޭގައި ދެކެވުނު ވާހަކަ ޖިއާންއާއި ހިއްސާ ކުރިއެވެ. މާޒިންވެސް އެމީހުންނާއި އެއް ދުވަހެއްގައި ކައިވެނި ކުރަން ނިންމި ވާހަކައެވެ. އަންހެން ކުއްޖަކު ލިބިއްޖެނަމަ ކިޔަން ބޭނުންވާ ނަމުގެ ވާހަކައެވެ.
"ދެން ފިރިހެން ކުއްޖެއް ލިބުނިއްޔާ؟" ޖިއާންއަށްވެސް ކޮށްލެވުނީ ވަލީދާ ކުރި ސުވާލެވެ.
"ފިރިހެން ކުއްޖެއް ލިބިއްޖިއްޔާ ޖިއާން ބޭނުން ނަމެއް ކިޔަންވީ" އަފްޒަލް ޖިއާންއަށް ފުރުސަތު ދިނެވެ.
"ފިރިހެން ކުއްޖެއް ވިއްޔާ އަހަރެން ބޭނުމީ އަފްޒަލްގެ ނަމާއި ވައްތަރު ކޮށްފައި ކިޔަން. މިސާލަކަށް އަޒަލް." ޖިއާން ވިސްނާލަމުން ބުންޏެވެ. ޖިއާންގެ ޖަވާބުން އަފްޒަލްގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.
"ދެން ބޭބީގެ ނަމެއް ނޫން. އަދިވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އަހަރެން ހަމަ ޖިއާންއަށް ކިޔަންވީ ޖިއާންތަ؟" އަފްޒަލް އަހާލިއެވެ.
"ތި ބުނީ؟" ޖިއާންއަކަށް ނުއެއް ވިސްނުނެވެ.
"މި ބުނީ އަހަރެން ބޭނުމޭ ޖިއާންއަށް ލޯބިން ނަމެއް ކިޔަން." އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.
"މިސާލަކަށް؟" ޖިއާން އަހާލިއެވެ.
"މިސާލަކަށް ޖާން؟" އަފްޒަލް އެހެން ބުނުމާއި އެކުގައި ޖިއާން ލަދުން ފޮޅުނެވެ. އިސްޖަހާލެވުނެވެ.
ނުނިމޭ