ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު - ފޮޓޯ: ސަން

ސަރުކާރުގެ ފަރާތުން ފެނާއި ނަރުދަމާގެ ބިލެއް ރައީސް އޮފީހަށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ފެނާއި ނަރުދަމާގެ ބިލެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ފޮނުއްވައިފިއެވެ.

އޭޖީ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި ސަރުކާރުން މިފަދަބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަޅުއްވުގެ އެއްބޭނުމަކީ ޞިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފުފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމަށެވެ. އަދި ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެވަސީލަތްތައް ރައްކާތެރިކުރުންވެސް އެއީ އެބިލްގެ މަގުސަދުގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.

ތަފާތު ޤިނަ މަޤްޞަދުތަކެއް ޙާޞިލްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުން.
  • ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާއި އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމަށް.
  • ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން.
  • ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމަށް.
  • ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް.
  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިހާތަނަށް ގިނަ ރަށްތަކެއްގައި ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ވަނި ތައްޔާރުވެފައި އެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ