ރ. މަޑުއްވަރި

މަޑުއްވަރީގައި ބިރުވެރި ނުރައްކާތެރި ޢަމަލެއް ހިނގަމުން ނުދޭ: ކައުންސިލް

ނޫސްތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި ޢަމަލެއް މާޅޮސްމަޑުލު އުތުރުބުރީމަޑުއްވަރީގައި ހިނގަމުން ނުދާކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ދާދިފަހުން ކަނޑުމަތީގައި ހިންގި އަނިޔާވެރި ޢަމަލާއި ގުޅުވައިގެން މަޑުއްވަރީގެ ޙާލަތުކަމަށް ބަޔާންކޮށް ގެނެސްދެމުންދާ ޚަބަރުތަކުގައި ޒިންމާދާރުކަންކުޑަ، ޙަޤީޤަތެއްނެތް އެތައް ވާހަކަތަކެއް ދިވެހި ނޫސްވެރިން ލިޔުމުގެ ސަބަބުން މަޑުއްވަރީއާއި މެދު މީހުން ދެކެމުން އައި ގޮތް ބަދަލުވެ، މަޑުއްވަރީ އަކީ ބިރުވެރިކަމުން ފުރިފައިވާ ނާމާން ރަށެއްކަމަށްވަނީ ސިފަވާން ފަށާފައިވާކަމަށާއި، ނޫސްމަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި ޢަމަލެއް މަޑުއްވަރީގައި ހިނގަމުން ނުދާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވާކަމަށެވެ.

"ވިޔަފާރީގެ ގޮތުގައި ދިވެހި އޮންލައިން ނޫސްތަކުން ލިޔެފައިވާ މިފަދަ ލިޔުންތައް މިކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި މި ޚައްޞާސް ދަނޑިވަޅުގައި މަޑުއްވަރީއާއި ގުޅޭ ޚަބަރުތަކުގައި، ޚާއްޞަކޮށް ދީނީ ހައްދުފަހަނަ އެޅުމާއި ގުޅޭގޮތުން ގެނެސްދޭ ޚަބަރުތަކުގައާއި މަޒުމޫނު ތަކުގައި ޙަޤީޤަތެއްނެތް ވާހަކަތައް ނުލިޔުމަށް އެންމެހާ ނޫސްމަޖައްލާތަކަށް ގޮވާލައި ނަސޭޙަތްތެރިވަން." މަޑުއްވަރީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އަދި ހަރުކަށިފިކުރު ފަތުރާ، ޖަމާޢަތުން ވަކިވެގަނެ، ދީނާއި މިރަށުގެ އެއްބައިވަންތަކަން ބައިބައިކުރުމަށް މަސައްކަތްކޮށް، ރަށުގެ އަގުވައްޓާލާ ބޮޑެތި ޖިނާޢީ ކުށްތަކަށް އަރަމުންދާ މީހުން ހޯދައި، އެމީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުން އެރަށުގައި ހިންގަމުން ދާ އޮޕަރޭޝަން ފާހަގަކޮށް، އެކަމަށް އެކައުންސިލާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކޮށްފައިވެސްވެއެވެ.

މީގެއިތުރުން އެކައުންސިލުން ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި، ހިންގަމުންގެންދާ ޢަމަލުތަކަކީ ކައުންސިލާއި ރަށުގެ ރައްޔިތުން ނުހަނު ކަންބޮޑުވާ އެހާމެ ދެކޮޅުހަދާ ޢަމަލުތަކެއްކަމަށެވެ.

މާތްވެގެންވާ އިސްލާމްދީނުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ ހިންގަމުން ގެންދާ
ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށްވެސް ކައުންސިލްގެ މިބަޔާނުގައި ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ