މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް މެންދުރުފަހުން ފެށިގެން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު ދެވަނަ ފަހަރަށްވެސް އިތުރުކޮށްފިއެވެ.
މެޓް އޮފީހުން މިފަހަރުވެސް ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ 20:30 އިން ދަންވަރު 00:30 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
Torrential rain and thunderstorms with gust of 45mph. pic.twitter.com/jYjfoEb3qE
— Maldives Meteorology (@MetMaldives) December 19, 2019
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވާ ކަމަށެވެ.




