ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު ޢާންމުކޮށް މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކުރާކަމަށެވެ.
މި ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި އަދި، އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައިވެސް ވަނީ ޢާންމުކޮށް ފެންނާނެހެން ޝާއިރުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ރިޕޯޓްގައި 3000 މީހުންނަށްވުރެ ކުޑައާބާދީއެއް ހިމެނޭ ކޮންމެ ރަށަކަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދާއި، 3000 މީހުންނަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށް ރަށުގައި އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދުގެ އިތުރުން ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކާއި އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު ވަނީ ހިމެނިފައެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 3000 މީހުންނަށް ވުރެ ކުޑައާބާދީއެއް އޮންނަ ކޮންމެ ރަށެއްގައި ރަށުކައުންސިލަކަށް 5 މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް 5 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް 7 މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް 5 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ.
އެގޮތުން ރަށުކައުންސިލް ތަކަށް 925 މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ސިޓީކައުންސިލްތައް ހިމަނައިގެން ޖުމްލަ 930 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީ ކައުންސިލްތަކަށް 36 ކައުންސިލަރުން އިނަތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ 2019 ޑިސެމްބަރ 23 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި އިލެކްޝަން ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ފުރުޞަރު އެ ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.



