ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢުއަށް އުޘްމާންއަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފއިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ފަނޑިޔާރު ޝުޖާޢުއަށް މަރުގެ އިންޒާރު ދީފައިވަނީ ޗުއްޓީ ދަތުރެއްގައި ކ. މާފުށީގައި ހުންނަވަނިކޮށް އިއްޔެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭގޮތުގައި ފަނޑިޔާރު ޝުޖާޢު އުޘްމާނަށް މަރުގެ އިންޒާރު ދީފައިވަނީ މާފުށީ މެޖިސްޓްރޭޓު ކޯޓުގެ މުވައްޒަފުންތަކަކާ އެއްކޮށް ކޮފީއެއް ބޯން ހުއްޓާ އެތަނަށް އައި މީހެކެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖަޢު އުޘްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނެއް މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ވަގުތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަން ހާމަކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އިންޒާރު ދިންމައްސަލާގައި އެމީހާ ހައްޔަރުކޮށްފައިވަނީ ކ. މާފުށިން ކަމަށެވެ.



