ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާންއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ފުލުހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ 2020 އޮކްޓޫބަރު 12 ވީ ހޯމަ ދުބަހުގެ ރޭ 8:42 ހާއިރު ނޫސްވެރިޔާ އަޙްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް އެ ކައުންސިލްގެ ސަމާލުކަމަށް އަޒާން އެކަން ގެނެސްފައިވާކަމަށެވެ.
މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އަޒާންއަށް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުންވެސް މަރުގެ އިންޒާރާއި، އެކިކަހަލަ ފުރައްސާރަ ކުރުމުގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ މަޢުލޫމާތު ދީފައިވާކަމަށެވެ.
މިފަދަ ކަންކަމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، އަދި މި ބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި އެ ކައުންސިލުން ނުދެކޭ ކަމުގައިވެސް މީޑިއާ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިންވެސް ދިވެހި ނުސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރުދީ ފުރައްސާރައައި ކުރިމަތި ވުމަށްފަހު ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާކަމުގައި އެކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
މީޑިއާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ނިންމާލަމުން ވަނީ އަޒާންއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލައި ވީހާވެސް އަވަހަކަށް ކަމުގެ ހަޤީޤަތް ހާމަކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިލްތިމާސްކުރައްވާފައެވެ.



