1976 ވަނަ އަހަރަށްފަހު ކިއުބާގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ.
ކިއުބާގެ ރައީސް މިގޭލް ޑިއޭޒް ކެނޭލް އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކޮށްފައިވަނީ މިހާރު ޓުއަރިޒަމް މިނިސްޓަރ ކަމުގައި ހުންނެވި މެނުއެލް މަރޭރޯ ކުރޫޒް އެވެ.
މި ބަދަލާއެކު އުމުރުފުޅުން 56 އަހަރުފުޅުގެ މަރޭރޯ، ރައީސް ޑިއޭޒްގެ ބައެއް ޒިންމާތައް އުފުއްލަވާނެއެވެ.
ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުން ހުއްޓާލައިފައިވަނީ ކިއުބާގެ ކުރީގެ އަސްކަރީ ލީޑަރު ފިޑަރަލް ކާސްޓްރޯ އެގައުމުގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް، ކިއުބާގެ ގާނޫނު އަސާސީ އަށް މިއަހަރުގެ ކުރީކޮޅު ގެނެވުނު ބަދަލާއެކު ބޮޑުވަޒީރު ކަމުގެ މަގާމަށް އަލުން ބޭފުޅަކު އައްޔަން ކުރުމަށްވަނީ ނިންމައިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ބޮޑުވަޒީރަކަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް މިބަދަލަކީ މާމުހިންމު ބަދަލެއް ނޫންކަމަށެވެ. މިގޮތުން ކިއުބާގެ މުހިންމު ނިންމުންތައް ނިންމެވުމުގެ ބާރު އަދިވެސް އޮތީ އެގައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އާއި އަސްކަރިއްޔާގެ އަތުގައި ކަމަށް މިފަރާތްތަކުން ބުނެއެވެ.
ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި މަރޭރޯ މިވީހާތަނަށް ހުންނެވީ ކިއުބާގެ ޓުއަރިޒަމް މިނިސްޓަރުގެ ގޮތުގައެވެ. މިގޮތުން މަރީރޯ ޓުއަރިޒަމް މިނިސްޓަރ ކަމަށް އައްޔަން ކޮށްފައިވަނީ 2004 ވަނަ އަހަރު ފިޑަރަލް ކާސްޓްރޯ އެވެ.




