ނިއުޒިލެންޑުގެ ކްރައިސްޗާޗް ގައި ހުންނަ އަލް ނޫރް މިސްކިތަށް ހަތިޔާރުއެޅި ޓެރަރިސްޓަކު ވަދެ ދިން ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެގައުމުގެ އާމުންގެ އަތުގައި ހުރި ސެމީ-އޮޓޮމެޓިކް ހަތިޔާރު ނެގުމަށް އެގައުމުގެ ސަރުކާރުން ފެށި ޕުރަގުރާމް ނިމުނުއިރު 56،000 ސެމީ-އޮޓޮމެޓިކް ބަޑި ހަވާލުކޮށްފައިވާކަމަށް ނިއުޒިލެންޑުގެ ސަރުކާރުން ބުނެފިއެވެ.
އާމުންގެ އަތުގައި ހުރި ހަތިޔާރުތަކާއި ނިއުޒިލެންޑް ސަރުކާރުން ހަވާލުވުމަށް މިއަހަރުގެ އޭޕްރީލްމަހު ފެށި ޕުރަގުރާމު މިމަހުގެ 20 ވަނަ ދުވަހު ނިމިފައިވާއިރު ނިއުޒިލެންޑް ސަރުކާރުންވަނީ އެ ހަތިޔާރެއް ގަތުމަށް އާމުން ހޭދަކުރި އަގުގެ 95 އިންސައްތަ ހަތިޔާރު ހަވާލުކުރާ ފަރާތައް ދީފައެވެ. އަދި މިކަމަށް 208 ނިއު ޒިލެންޑް ޑޮލަރު (136.7 އެމެރިކާ ޑޮލަރު) ގެ ބަޖެޓެއްވެސްވަނީ ނިއުޒިލެންޑް ސަރުކާރުން ކަނޑައަޅައިފައެވެ.
ނިއުޒިލެންޑް ސަރުކާރުން އެގައުމުގެ އާމުންގެ އަތުގައިހުރި ސެމީ-އޮޓޮމެޓިކް ހަތިޔާރުތައް ގަތުމަށް ނިންމި ނިންމުމަށް ބަޔެއް ޖަމިއްޔާ ޖަމާއަތްތަކުގެ ފާޑުކިޔުން އަމާޒުވީނަމަވެސް އެގައުމުގެ ފުލުހުން ބުނެފައިވަނީ މި ޕުރަގުރާމަށް އާމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
2016 ވަނަ އަހަރު ނިއުޒިލެންޑުގެ ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1.2 މިލިއަން ބަޑި އެގައުމުގެ އާމުންގެ އަތުގައި ހުންނާނެއެވެ. މިއަދަދަށް ބަލާއިރު ނިއުޒިލެންޑުގެ ކޮންމެ ހަތަރު މީހަކުން އެކެއްގެ އަތުގައި ބަޑިޔެއް އޮންނާނެއެވެ.

ކްރައިސްޗާޗް ގައި ހުންނަ އަލް ނޫރް މިސްކިތަށް ހަތިޔާރުއެޅި ޓެރަރިސްޓަކު ވަދެ ދިން ބަޑީގެ ހަމަލާގައި 51 މީހަކު މަރުވެފައި ވެއެވެ. މިއީ ނިއުޒިލެންޑުގެ ތާރީހުގައިވެސް މިފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް އެގައުމުގައި ދެވުނު ފުރަތަމަ ފަހަރެވެ. މިހަމަލާ ދީފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ބްރެންޓަން ޓަރަންޓް ނަމަކަށްކިޔާ މީހެކެވެ. މިހަމަލާއާއި ގުޅިގެން ނިއުޒިލެންޑުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ އެބައިމީހުން މުސްލިމުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ހިނގައިފައެވެ.



