ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ރައީސް ޞާލިހު ކުރެއްވި މި ޒިޔާރަތުގައި ހޮސްޕިޓަލުގައި ބާއްވާފައިވާ ބަލި މީހުންނާއި ބައްދަލުކުރައްވާ ހާލު އައްސަވާފައިވެއެވެ. އަދި މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކޮށް ހުރި ގޮންޖެހުންތައް އައްސަވާފައިވެއެވެ.
ރައީސް ޞާލިހް ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިވާއިރު ރައީސް ހދ. އަތޮޅަށް ވަޑައިގެންފައިމިވަނީ ކުޅުދުއްފުށީގައި “ތިލަދުންމަތީ އިރުވައި ކޮންފަރެންސް” ގެ ނަމުގައި ބޭއްވުނު މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި މަހާސިންތާގައި ތިލަދުންމަތީގެ ތަރައްގީ އަށް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ އިގްތިސާދީ ހަބެއްގެ ގޮތުގައި ކުޅުދުއްފުށި ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށާއި ކުޅުދުއްފުށީފައި ޓާޝަރީ ފެންވަރަށް އާ ހޮސްޕިޓަލެއް ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އާބާދީ ބޮޑު މުޅި ހދ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ ރަށްރަށުންވެސް ބޭސްފަރުވާއަށް އަންނަމުންދާ ހޮސްޕިޓަލަކެކެވެ. ނަމަވެސް ޒަމާނީފެންވަރުގެ ހިދުމަތްތައް މި ހޮސްޕިޓަލުން ނުލިބުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއަކަށް ވެފައި އޮތް ކަމެކެވެ.



