މިޔަރުގެ ހަމަލާގައި ޒުވާނާ ޒަހަމްވެފައި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މަސްހިފަން ފޭބި ޒުވާނަކަށް މިޔަރެއް ހަމަލާދީފި

މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

މިޔަރުގެ މި ހަމަލާގައި ޒަހަމްވެފައިވަނީ ހދ. ކުޅުދުއްފުށި ކައިރިއަށް މަސްހިފަން ފޭބި 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ކުޅުދުއްފުށި އޮންލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު ގާތްގަނޑަށް 7 ޖަހާއެހާއިރު ހިނގި މިހާދިސާގައި މިޔަރު ހިފީ އެރަށު އިރު ދެކުނު ފަރާތުން ކަމަށާއި، މިޔަރު ހިފުމަށްފަހު މަސައްކަތްކުރީ މީހާ ގޮވައިގެން އަޑިއަށް ދިޔުމަށް ކަމަށެވެ. ނަމަވެސް އެކީގައި މަސްހިފަން ދިޔަ މީހުންގެ އެހީތެރިކަމާއެކު އޭނާ ނަގައި ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެ އެ ނޫހުން ބުންޏެވެ.

"ބްލެކް ޓިޕް މިޔަރުގެ" މި ހަމަލާ އެމީހާއަށް އަމާޒުވީ ފީނަން ގޮސް އުޅުނު އެ ޒުވާނާ މަތީގައި އޮއްވާ ކަމަށާއި، އެވަގުތު އެމީހާ އަތުގައި މަހެއްވެސް ނެތްކަމަށް އަދި އާންމުކޮށްވެސް މަސްހިފަން ފީނަށް ގޮސް އުޅޭ މި މީހާއަށް ކުރިމަތިވި މި ހަމަލާގައި އޭނާގެ ކޮނޑުމަތީގެ ބޮޑު ސަރަހައްދެއް ޒަހަމުކޮށްލާފައިވާކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ކުޅުދުއްފުށި އޮންލައިނުން ބުނީ، އެމީހާގެ ހާލު މިވަގުތަށް ސްޓޭބަލް ކަމަށާއި ޒަހަމުވިތަނުން ލޭމަނާކުރެވިފައިވާ ކަމަށެވެ. އަދި ކޮނޑުހުޅުން ނެއްޓިފައިވާތީ ހުޅަށް އެރުވުމަށާއި ބަލަން ޖެހޭ އިތުރުކަންކަން ބެލުމަށް އޮޕަރޭޝަން ޓިއެޓަރުގައި ފަރުވާދެމުންދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކުޅުދުއްފުއްޓަކީ ސްޕޯޓްސް ފިޝިންއާއި ފީނަންދާ ޒުވާނުން ގިނަ، އުތުރުގެ މައި ރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ