އަހަރެންނަށް ކިޔަނީ ބީނިޝްއެވެ. އުމުރުން މިހާރު ސައުވީސް ވަނީއެވެ. ކިޔާދޭން މިއުޅެނީ އަހަންނަށް ދިމާވި ކަންތައްތަކުގެ ވާހަކައެވެ. ފަށާނީ ކިހާ ހިސާބަކުން ހެއްޔެވެ؟
އަހަންނަކީ އެންމެ ކުޑައިރުއްސުރެވެސް މީހުންނާއި ސަމާސާކޮށް، ސަކަރާތްޖަހާ ކުއްޖެކެވެ. އަބަދު ހުންނަނީ ހިނިތުންވެފައެވެ. މަގުމަތިން ފެންނަ ނުދަންނަ މީހުންނަށްވެސް ހިނިތުންވެ ހަދަމެވެ. އޯގާތެރިކަމާއި އެކުގައި މީހުންނާއި މުހާތަބުކޮށް ހަދަމެވެ. ސްކޫލުގައި ކިޔެވުމަށްވެސް އަހަންނަކީ ފާހަގަ ކޮށްލެވޭ އެއް ދަރިވަރެވެ. ރަށު ސްކޫލުން ކިޔަވަމުން އައި ނަމަވެސް އަހަރެން ހޯދަމުން އައީ ފާހަގަ ކޮށްލެވޭފަދަ މޮޅެތި ނަތީޖާތަކެވެ.
ރަހުމަތްތެރިން އަހަރެންގެ ގެއަށް އައިސް ގްރޫޕް ސްޓަޑީޒް ހަދަން އުޅެއެވެ. އަހަރެންގެ މަންމަ އަހަންނެކޭ އެހެން ކުދިންނެކޭ ތަފާތެއް ނުކުރެއެވެ. މިބުނާ ރަހުމަތްތެރިންގެ ގެއަށް ދިޔުމުންވެސް އެހެންނެވެ. އެންމެންވެސް އަހަރެންދެކެ ލޯބިވެއެވެ.
މަންމައާއި ބައްޕައަކީ ޒަމާނީ ފިކުރަށް ލޯބިކުރާ ދެމީހުންނެވެ. ދެމީހުންވެސް އުޅެނީ ވަޒީފާގައެވެ. ބައްޕަ އަހަރެންގެ ލޮލަށް ފެންނާނީ މަދު ދުވަހެއްގައެވެ. މަންމައަކީ ސްކޫލް ޕްރިންސިޕަލްއެވެ. ކިޔަވަން އަހަރެން އިތުރަށް މަސައްކަތްކުރަން ޖެހޭ އެއް ސަބަބެވެ. ބައެއް ދުވަސް ދުވަހުގައި މަންމައާއި ބައްޕަ ކުދިކުދި ކަންތައްތަކާއި ޒުވާބުކޮށް އަރާރުންވާ އަޑު އަހަރެން އަހަމެވެ. އަހަރެން ދެރަވެ ރޯންޖެހޭ ހަމައެކަނި ކަމަކީ އެއީއެވެ.
ބައެއް ދުވަސް ދުވަހު އެ ޒުވާބުތަށް އަޑު ނާހަންވެގެން ކޮންމެވެސް ރަހުމަތްތެރިއެއްގެ ގެއަށްދަމެވެ. މަންމައާއި ބައްޕަ ޒުވާބު ކުރަނީ ކޮންކަމަކާތޯ އަހަލާ ކޮންމެ ފަހަރަކު މަންމަ ބުނާނެއެވެ. އެކަންތަކާއި ނުވިސްނާށެވެ. ކިޔަވާ މޮޅު ކުއްޖަކަށް ވުމަށް މަސައްކަތްކުރާށެވެ. އަހަރެން ކިޔެވުމަށް ދައްވާނަމަ މަންމަ ލަދުގަންނާނެތީއެވެ.
ޖީސީއީ އޯލެވެލްއަށް ތައްޔާރުވަމުން ގެންދިޔައީމެވެ. ރެއާއި ދުވާލު މަސައްކަތް ކުރަމުން ދިޔައީ އެކަމާއެވެ. ހުއްޓާނުލާ ކިޔަވަމުން ގެންދިޔައީމެވެ. އަހަރެންގެ އުޅުމަށް ބަދަލުތަކެއް އަންނަންފެށީ އެދުވަސްތަކުގައެވެ. އެދުވަހު އަހަރެން ސްކޫލަށް ދިޔައީ އިތުރު ގަޑިއަކަށެވެ. ފުރަތަމަ ފަހަރަށް ސްކޫލް ގޯތިތެރެއިން އެ ކުއްޖާ އަހަންނަށް ފެނުނީ އެދުވަހުއެވެ. ސްކޫލް ގޯތިތެރޭގައި ހުރި ބޮޑު ފުނަގަސްދޮށުގައި އިށީނދެގެން އިން އެ އަންހެން ކުއްޖާ ބަލަމުން ދިޔައީ ހުއްޓާނުލާ އަހަންނަށެވެ. ހީވަނީ އަހަންނަށް އެ ކުއްޖާއަށް ގޯނާއެއް ކުރެވިގެން ހިތްހަމަ ނުޖެހިގެން ބަލަނީ ހެންނެވެ. އެސްފިޔަވެސް ޖަހާނުލައެވެ. ބޯ ހާވާލައިގެން އުޑުފައިން އިށީނދެގެން އިން އެކުއްޖާގެ ބެލުމުން އަހަންނަށް ކިތަންމެ އުނދަގުލެއްވީ ނަމަވެސް އަހަރެން ހިނިތުންވަމުން ދިޔައީމެވެ.
ޖެހިގެން އައި ކޮންމެ ދުވަހަކުވެސް އަހަންނަށް މިބުނާ ކުއްޖާ ދިމާވެއެވެ. އަހަރެން ކްލާހުގައި އިންނަ ވަގުތުގައި ވެސް އެކުއްޖާ ކްލާސް ދޮރުމަތީގައި ހުއްޓި ހުންނަނީ އަހަންނަށް ލޯ އަޅައިގެންނެވެ. އަބަދުވެސް އަހަރެންގެ ފަހަތުން އެ ކުއްޖާ އުޅެން ފެށިއެވެ. ފިލާވަޅަށް ދެމުން އައި ސަމާލުކަން އެ ކުއްޖާއަށް ދެވެން ފެއްޓުނެވެ. އެ ކުއްޖާ އަހަރެންގެ ގެއަށްވެސް އަހަރެންގެ ފަހަތުން ދާންފެށިއެވެ. އަހަރެން ކޮޓަރި ދޮރުމަތީގައި އެކުއްޖާ ހުއްޓި ހުރެއެވެ. އެ ކުއްޖާ އަހަންނާއި ވާހަކަ ދައްކާތޯ އަހަރެން ތަފާތު މަސައްކަތްތަށް ކުރަމުން ގެންދިޔައީމެވެ. ނަމަވެސް އެކަން އައީ ނާކާމިޔާބު ވަމުންނެވެ. ވާހަކަ ނުދެއްކި ނަމަވެސް އެ ކުއްޖާ އަހަންނަށް ކުދި ކުދި ބޮލި ގެނެސްދޭންފެށިއެވެ. ކުދި ކުދި ގާކޮޅު ގެނެސްދޭން ފެށިއެވެ. އަހަރުމެން ދެމީހުން ދޭތެރޭ ރަހުމަތްތެރިކަން އުފެދެން ފެށިއެވެ. އެ ކުއްޖާއާއި އެކުގައި އަތިރި މަތީގައި ވަގުތުތަށް ހޭދަކުރެވެން ފެށުނެވެ.
އަހަރެންގެ އުޅުމަށް ބަދަލުތަކެއް އަންނަކަން މަންމައައީ ފާހަގަ ކުރަމުންނެވެ. މަންމަ އަހަންނާއި ތަފާތު ގޮތްގޮތަށް ސުވާލުތަށް ކުރަން ފެށިއެވެ. އަހަންނަށް މަންމަގެ ސަބަބުން އުނދަގޫ ވާންފެށިއެވެ. ލޯބިވާ މަންމަދެކެ ރުޅިއަންނަން ފެށުނެވެ. ބޭއިހްތިޔާރުގައެވެ. ނަތީޖާއަކަށްވީ މަންމަގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ ބަސްތަށް އަހަންނަށް ރައްދުވާން ފެށުމެވެ. އަހަރެންގެ ހިތުގައި މަންމައަށް ނަފްރަތު އުފެދެން ފެށުމެވެ.
އަހަންނާއި އެކުގައި އުޅުނު ރަހުމަމްތެރިން އަހަންނާއި އެއްކޮށް އުޅުން ދޫކޮށްލިއެވެ. އެމީހުން އަހަރެންދެކެ ބިރުގަންނަން ފެށިއެވެ. ނުނިދާ އެ ކުއްޖާއާއި އެއްކޮށް އުޅުމުގެ ސަބަބުން އަހަރެންގެ ލޯދަށް ކަޅުވާންފެށިއެވެ. ބޮލުގައި ފުނާއެޅުން އުނދަގުލަކަށްވެ ފުނާއެޅުން ދޫކޮށްލީމެވެ. އެ ކުއްޖާއާއި އެކުގައި ބޭރުގައި އުޅެމުން ޖޭމު ގަސްތަކުން ޖޭމު ބިނދެގެން ކާންފެށީމެވެ. ވަލަށް ވަންނަން ފެށީމެވެ. މީހުންގެ ގެތަކުން ވަރަށް އަނބާއި ފޭރު ބިނދެގެން ކާންފެށީމެވެ.
"އެހެރީ ޖިންނި އަވަލާފައި" އަހަރެން ފެންނައިރަށް ރަށުގެ އެންމެން ކިޔަން ފެށިއެވެ. އެހެން ބުނާ ކޮންމެ ފަހަރަކު އަހަރެން ރުޅިއާދެއެވެ. ބިންމަތިން ގައު ނަގާ އެމީހުންނާއި ދިމާލަށް އަހަރެން އުކަމެވެ. އެމީހުންގެ ލޮލަށް ވެލިޖަހަން ފެށީމެވެ. އަހަރެންގެ "ކުޅިވަރު" ބޮޑުވެގެން މަންމައާއި ބައްޕަ ގެއަށް ގެނައީ ފަންޑިތަ ހަދާމީހެކެވެ. އަހަރެން ރަނގަޅު ކުރުމަށެވެ.
އެމީހާގެ އުނދަގޫ އަހަންނަށް ބޮޑުވަމުން ދިޔައެވެ. ކިޔަވަނީއޭ ކިޔާ އަހަރެން ކައިރީ އިނދެގެން އަހަންނަށް ކުދިއަނިޔާ ކުރަންފެށިއެވެ. އަހަރެންގެ ގައިގާ ވިކާ ގައިގާ ތަޅަންފެށިއެވެ. އެމީހާ އަންނަވަގުތަށް އަހަރެން ގެއިން ނުކުމެގެން ފިލަނީއެވެ. ނޫނީ ކޮޓަރިއަށް ވަދެ އަހަރެންގެ "ރަހުމަތްތެރިޔާ" ގޮވައިގެން އެނދުދަށަށް ވަދެ ފިލަނީއެވެ. މަޑުމަޑުން ނިންޖާއި ދުރުވަމުން ދިޔައީމެވެ. ނިދި ނުވެސް އަންނަނީއެވެ.
މަންމަ ބުންޏެވެ. އަހަރެން ރަނގަޅަށް ކިޔަވާތީ ބަޔަކު ފަންޑިތަ ހެދީއެވެ. ސިހުރު ހަދަނީއެވެ. އަހަންނަށް ނުކިޔެވޭ ގޮތް ހަދާށެވެ. އަދި އެ ރަށުގައި ނޫޅެވޭ ގޮތް ހެދުމަށެވެ. ނުވަތަ އަހަންނަށް ހުރީ އެސްފީނާގެ އަސަރު ކޮށްފައެވެ. ފަންޑިތައާއި ސިހުރުގެ ބާރުވެސް ފޯރާފައެވެ. އެ ރަށުގައި ގިނަ ދުވަހު އަހަރެން މަޑު ކޮށްފިނަމަ އަހަރެންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބުނެ އަހަރެން ގޮވައިގެން މަންމަމެން މާލެއަށް ބަދަލުވީއެވެ. މަންމަ ވަޒީފާއިން ކެނޑިގެން އަހަރެން ގާތުގައި މަޑުކުރީއެވެ. ޖީސީ ނިމުނު އިރު އަހަރެން އެއްވެސް މާއްދާއަކުނަ ފާހެއް ނުވެއެވެ. މައްސަލައެއް ނެތެވެ. މަންމަ ބުނީ އަނެއްކާވެސް ޖީސީގައި ބައިވެރިވާނީ ކަމަށް ކަމަށެވެ.
ރަށުން މާލެ ބަދަލުވުމުން އަހަރެންގެ ރަހުމަތްތެރިޔާ އަހަންނަށް ގެއްލުނެވެ. ކިތަންމެ ވަރަކަށް ރަހުމަތްތެރިޔާއަށް ގޮވި ނަމަވެސް އޭނަ ނާދެއެވެ. އަހަރެންގެ ދިރިއުޅުން ހަމައަކަށް އެޅުނެވެ. އަނެއްކާވެސް ނިދެއެވެ. ކިޔެވެއެވެ. މަންމަ އަބަދުވެސް އަހަންނާއި އެކުގައި ވެއެވެ.
އުމުރުން ކިރިޔާ އަށާރަ އަހަރު ފުރުނީއެވެ. އަހަރެން ލޯބީގެ ގޮތުން މުއާޒްއާއި ގުޅުނީމެވެ. މުއާޒް އަހަންނަށް ވަރަށް ރަނގަޅެވެ. ވަރަށް ލޯބިވެއެވެ. ވަރަށް ހިތްހެވެ. ފުރަތަމަ ކައިވެންޏެއްގެ ވާހަކަ ދެއްކީވެސް އަހަންނެވެ. މުއާޒްއާއި އެއްކޮށް އުޅެން ބޭނުންވުމުންނެވެ. މުއާޒްވެސް އެކަމަށް އެއްބަސްވެ ކުލަގަދަކޮށް ކައިވެނި ކުރެވުނެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ އަހަރެން ބަލިވެ އިނެވެ. ނަމަވެސް އެ ދަރިފުޅު ބަނޑަށް މަރުވެ އެކަމާ ހިތާމަކުރެވެން ފެށުނެވެ. ދެމީހުން ދޭތެރޭގައި މައްސަލަތަށް ޖެހެންފެށިއެވެ. އަހަރެން ގޭގައި އިންނަން ފެށީމެވެ. އެއްވެސް މީހަކާއި އަނގައިންނެއް ނުބުނަމެވެ. އަމިއްލަ ފިރިމީހާ ދެކެވެސް ފޫހިވެވެނީއެވެ. އޭނަ ފެނުނަސް ފޫހިވަނީއެވެ. ކުދި ކުދި ކަންތަކާއި ހިތް ބިރު ގަންނަނީއެވެ. ހާސްވެވެނީއެވެ.
އެކަނި ގިނަވަގުތު ހޭދަކުރަން ފެށީމެވެ. މުއާޒް އަހަންނާއި ވާހަކަ ދައްކަން މަސައްކަތް ކުރާ ކޮންމެ ފަހަރަކުވެސް އަހަރެންނަށް އޭނައާއި ދިމާލަށް ހަޅޭއްލެވެނީއެވެ. ރުޅިއާދެވެނީއެވެ. އަހަންނަށް ޔަގީންވާން ފެށިއެވެ. މުއާޒްގެ އާއިލާ މީހުން އަހަންނާއި ދޭތެރޭ ހިތްހަމަ ނުޖެހޭތީ އަހަރެން މަރާލަން ފަންޑިތަ ހަދަނީއެވެ.
މަޑުމަޑުން އަހަންނަށް ގެއްލުނު ރަހުމަތްތެރިޔާ ފެންނަން ފެށިއެވެ. ނަމަވެސް އޭނަ ހުންނަނީ އަހަރެންދެކެ ރުޅި އައިއްސައެވެ. އޭނަގެ ދެލޯ ހުންނަނީ ރަތްކުލައިގައެވެ. އަހަރެން ކުރިމައްޗަށްއަރާ އޭނަ ބިރުވެރި ވައްތަރުތަށް ޖައްސަނީއެވެ. ބިރުވެރި އަޑުން ހަޅޭއްލަވަނީއެވެ. އަހަރެން ނިދޭއިރަށް އައިސް އަހަރެންގެ ގައިމައްޗަށް އަރަނީއެވެ.
ދުވަހަކަށް ފަހު ދުވަހަކު އަހަންނަށް ވަމުން ދިޔަ އުނދަގޫތަށް ބޮޑުވަމުން ދިޔައެވެ. "ރަހުމަތްތެރިޔާ"ގެ އިތުރުން ކަޅު ބިޔަ ބަޔަކު އަހަރެންގެ ގެއަށް އަންނަނީއެވެ. އެއީ ދިގު ބައެކެވެ. ކަޅުކަމުންވެސް ބިރުގަންނަ ވަރަށް ކަޅެވެ. އެމީހުން އަހަންނާއި ގާތްވުމުން ނޭވާލާންވެސް އުނދަގޫވެއެވެ. މަރުވާން އުޅޭ ކަމުގެ އިހްސާސްކުރެވެއެވެ.
ރޭގަނޑު ވުމުން ބިރުން ރޯންވެސް ރޮވެއެވެ. މުއާޒް އަހަރެން ހަމައަކަށް އެޅުވޭތޯ އެކި ކަންކަން ކުރަމުން ދިޔައެވެ. ފޫނެއް ފަޔަށް ފެންފުރުން ފަދައިންވިއެވެ. އަހަރެންގެ ގައިގެ އެތަން މިތަން ކަޅުވާން ފެށިއެވެ. ގެއަށް އަންނަމުން ދިޔަ ކަޅު އެއްޗެހީގެ ގައިގާ ހުންނަ ކަޅުކުލައަށެވެ. އެތަންތަން ފިލުވުމަށް، ކަނޑާ ނަގަން އަހަރެން މަސައްކަތްކުރީމެވެ. ގައިގެ ތަންތަން ކަނޑާނަގަން ފެށީ ވަޅިއަކުންނެވެ.
މަންމަ އެއީ ފަންޑިތަވެރިކަމެއް ކަމަށް އަނެއްކާވެސް ނިންމާ ފަންޑިތަ ހަދާމީހުން ގެއަށް ގެނެސް ފަންޑިތަ ހަދަންފެށިއެވެ. ގިނަ އަދަދަކަށް އެމީހުންނަށް ފައިސާދެމުންނެވެ. ނަމަވެސް ވީކަމެއް ނެތެވެ. އެންމެ ފަހުން މުއާޒް އަހަރެން ހޮސްޕިޓަލަށް ގެންދިޔުމުން އެޑްމިޓް ކުރެވުނެވެ. ނަފްސާނީ ބައްޔަށް ބޭސްކުރެވެން ފެށުނެވެ. ކައުންސިލިންގ ދޭންފެށިއެވެ. މަޑުމަޑުން އަހަރެންގެ ހާލު ރަނގަޅުވަމުން ދިޔައެވެ.
މުއާޒްދެކެ ވެވެމުން ދިޔަ ރުޅިގަނޑު މައިތިރިވެ މީހާ ހަމައަކަށް އެޅެމުން ދިޔައެވެ. ފެންނަމުން ދިޔަ މީހުންވެސް ފެނުން ހުއްޓެމުން ދިޔައެވެ. އަހަރެން އެއްފަހަރުވެސް ޖިންނި އަވަލީއެއް ނޫނެވެ. އަހަންނާއި އަވަލެވީ ޑިޕްރެޝަންއެވެ. އަހަރެންގެ ފައިގައި ކަސްތޮޅު އެޅުވި އެއްޗަކީ އެއީއެވެ. އެކަނިވެރިވާ ކޮންމެ ހިނދެއްގައި އެކަނިވެރިކަން ފިލުވުމަށްޓަކައި އަހަރެންގެ ވިސްނުމާއި ފިކުރު ރަހުމަތްތެރިއެއް އުފަން ކުރީއެވެ. އެއީ ހަގީގަތެއް ކަމުގައި ދެކިގެން ވަގުތުތަށް ހޭދަ ކުރެވުނީއެވެ. އެންމެންނާއި ވަކިން އަމިއްލަ ދުނިޔެއެއް ގާއިމްކޮށް އޭގައި ވަޒަންވެރިވެވުނީއެވެ.
މުއާޒްވެސް އަހަންނަކީ މޮޔައެއް ކަމަށް ނިންމާ، ނުވަތަ ޖިންނި އަވަލަވާފައިވާ މީހެއް ކަމަށް ބަލައި ދޫކޮށްލިނަމަ މިއަދު އަހަރެންގެ ހާލަކީ ކޮބާ ހެއްޔެވެ؟ ހެޔޮ ނުވާނެއެވެ. ތިމާގެ ރައްޓެހިންނާއި ދަރިންނަށް ބަލާށެވެ. މިއީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެކެވެ. ވާހަކަ ދައްކާށެވެ. އެހީތެރިވާށެވެ. ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭވެސް އެއްފަދައިން ބޭސްކުރެވޭނެ ބައްޔެކެވެ. ހަޖޫ ނުޖަހާ އޯގާތެރިވެ އަޅާލާށެވެ.