ނުރުހުންވިއަސް (ފުރަތަމަ ބައި)

"ތިހާ ވަރު ވަންޏާ އެހެން ބަޔަކަށް ގުޅައިގެން މިކަންތައް ކުރި ނަމަ ނިމުނީ އެއްނު؟ އެހެންޏާ ކައިވެންޏަށް ތިން ދުވަހަށްވީމަ މިވަރު އަހަރުމެން ކޮށްދޭކަންވެސް ނަސީބެއްނު!" ނަޝާ ބަވާ ކުދިކުރަމުން ދިޔައީ ކައިވެނީގެ ޕާޓީގެ ކަންތައްތައް އިންތިޒާމް ކުރެވިފައިވާ ގޮތް ކްލައިންޓް ހިތްހަމަ ނުޖެހުން ފާޅުކުރުންނެވެ.

"ބަލަ އަހަންނާ ކޮންގޮތަކަށް ތި ވާހަކަ ދައްކަނީ؟ މިއީ ކަލޭމެން ހިލޭ ސާބަހަށް ކޮށްދޭ ކަމެއްތަ؟ ކަލޭމެން ބުނިވަރަކަށް އަހަރުމެން ކަލޭމެންނަށް އެބަ ފައިސާ ދެމެންނު؟ އެހެން ނޫނަސް ތީ ކާކު އަހަންނާއި ތި ވައްތަރަށް ވާހަކަ ދައްކަން؟ އަހަރެން ބޭނުން ކަލޭގެ ބޮސްއާއި ވާހަކަ ދައްކަން!" ހިތްހަމަ ނުޖެހިފައި އެމީހާ ބުންޏެވެ.

"ހިލޭ ސާބަހަށްހޭ؟ އަޖައިބެއްނު؟ އެހެން ބަޔަކު ނަމަ މިކަމަށް އަހަރުމެން ނެގި އަގަށްވުރެ އެތަށް ގުނައެއް ނެގީސް. ބުނިވަރަކަށް ފައިސާދެމޯ. ގައިމު އަހަންނެއް ނޭދެން ޑިސްކައުންޓަކަށް. ވެދާނެ އަހަންނަށް އިވުނު ގޮތެއް ކަމަށް. އަދި ބުނަންތަ؟ އަހަރެން ބޭނުން ގޮތަކަށް ކޮންމެ މީހަކާވެސް ވާހަކަ ދައްކާނީ. ހިތްހަމަ ނުޖެހެންޏާ ކައިވެނި ޕާޓީ ހުއްޓާލާފައި އަވަހަށް ދާންވީނު؟ އަހަރެން ނުބުނާނަން އެކަޗެއްވެސް. ކަލޭމެން ކަހަލަ މީހުންނާއި ހުރެއޭ އަހަރުމެން ކުރާ ބުރަ މަސައްކަތް އަގު ވަޒަން ކުރާނެ މީހަކު ނުވަނީ" ނަޝާ ހުރީ އެއްވެސް ގޮތަކަށް ދޫދޭ ފަދަ ވިސްނުމެއްގައެއެއް ނޫނެވެ.

"އަނހަ މި ވަނީ ކިހިނެއް؟" ރިޔާ ދުވެފައި އައިސް ހުއްޓުނީ މާ އަޑުގަދަވުމުންނެވެ. ނަޝާ ކޮންމެވެސް ކަމަކާއި ރުޅިގަދަ ކޮށްލައިގެން އުޅެނީކަން އޭނާއަށް އެނގުނެވެ.

"މިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން މަސައްކަތް ކުރަން ތިބެންޏާ ހުރިހާ ކަމެއްވެސް ވާނެ" އެމީހާ ނަޝާއާއި ދިމާއަށް ލޯއަޅާލަމުން ރިޔާއާއި ދިމާއަށް އެނބުރުނެވެ.

"ނަޝާއަކީ ރާއްޖޭގައި މިވަގުތު ވެޑިންގ ޕްލޭން ކުރާ އެންމެންގެ ތެރެއިން އެންމެ ނަން މައްޝޫރު މީހުންގެ ތެރެއިން އެކަކު. ނަޝާ މިދުވަސްކޮޅު ކުޑަ ކަމެއްގެ ތެރޭގައި އުޅޭތީ ވާގޮތެއް އެއީ. ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކާލަން ހިނގާ އެފަރާތަށް ޖެހިލަމާ" ރިޔާ އެމީހާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަން ބޭނުންވިއެވެ.

"މިއަށް ކިހިނެއް ހަދަންވީ؟" އަތުފައި އޮތް ކަރުދާސް ކުޑައަށް އިޝާރާތް ކޮށްލަމުން އެމީހާ އަހާލިއެވެ.

"ތި ގެންދޭ ގެއަށް. ބުނޭ ކުދިން ކުޅެންވެސް އެއްޗެއް ލިބުނީއޭ. އެވެސް ފްރީ ކޮށޭ" ނަޝާ އަނެއްކާވެސް މޫނު ކުނިކޮށްގެން ހުރެ އެމީހާއަށް އިވޭނެ ފަދައިން ބާރަށް ބުންޏެވެ. ރިޔާ އަވަސްއަވަހަށް އެމީހާ ގޮވައިގެން ދުރަށް ޖެހިލިއެވެ. ނަޝާ މާގިނައިރު އެމީހާ ގާތުގައި ހުންނަން ވެއްޖެ ނަމަ އެންމެންގެ ލޭގެ ޕްރެޝަރު މައްޗަށް ދާނެކަން އޭނައަށް އެނގޭތީއެވެ.

ނަޝާއަކީ މާލެއަށް އުފަން ކުއްޖެކެވެ. ދިރިއުޅުނީ ރާއްޖެއިން ބޭރުގައެވެ. އާއިލާއާއި އެކުގައެވެ. ނަމަވެސް މިހާރު މާލޭގައި އުޅޭތާ އަށް އަހަރުވަރު ވަނީއެވެ. ރާއްޖޭގެ އެންމެ މައްޝޫރު ވެޑިން ޕްލޭނިންގ ކޮންޕެނީގެ އެންމެ އިސް މުވައްޒަފުވެސް މެއެވެ. ރުޅިގަދަ އެހެންމެ މީހުންނާއި ދިމާލަށް ހިތުހުރި އެއްޗެއް ބުނެލާ ނަޝާއަކީ ކިރިޔާވެސް ވަގުތެއް ވެއްޖެ ނަމަ އެކަނި އުޅެން ބޭނުންވާ އަންހެނެކެވެ. އުމުރުން ތިރީހާއި ގާތް ކުރި ނަމަވެސް ބަލާބެލުމަށް ހީވަނީ ވިއްސައްކަ އަހަރު ހެންނެވެ. ހަމުގެ ކުލަ އެންމެ އަލި ނޫން ނަމަވެސް މީހުންގެ ލޮލުގައި އަޅައިގަންނަ ފަދަ ރީތި ހަންގަނޑެކެވެ. ދިގު އެސްފިޔަތަކަކާއި އެކުގައި ބޮޑު ދެ ލޮލެވެ. ކަކުލަށްވުރެ ތިރިއަށްއޮންނަ ބުޅި ދިގު އިސްތަށިގަނޑެކެވެ. ނަމަވެސް އެ ބޮލުގައި ވަނީ އަބަދުވެސް ހުޅިއެއް ޖަހާފައެވެ. ފެޝަނަށް ލޯބި ކުރި ނަމަވެސް އަބަދުވެސް ނަޝާލަނީ މީހާގެ ވަނާތަށް ނިވާވާރުގެ ދޫ ހެދުންތަކެވެ.

ރިޔާއަކީ ނަޝާއާއި އެކުގައި ރާއްޖެއިން ބޭރުގައި އުޅުނު ރަހުމަތްތެރިއެކެވެ. ކުންފުނި " އުމުރަށް ލޯބިން" ހުޅުވީ ރިޔާއެވެ. އަދި ރިޔާގެ އެދުމުގެ މަތިން ނަޝާ ކުންފުންޏާއި ގުޅުނެވެ. ނިމިގެން ދިޔަ ހަތް އަހަރުގައި ކުންފުންޏަށް ލިބުނު ކުރިއެރުމެއް ލިބުނީ ނަޝާގެ ސަބަބުންނެވެ. ރިޔާ ރާއްޖެއައި ފަހުން ދިރިއުޅުމެއްވެސް ފެށިއެވެ. ލޯބިވާ މީހަކު ލިބުމުން ކައިވެނި ލަސްކުރަން ބޭނުން ނުވާތީ ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ލޯބީގެ މޮޅެތި ވާހަކަތަށް މި ވާހަކައިގެ އެކި ހިސާބުން އެނގިގެންދާނެއެވެ.

ކޮންމެ ގޮތެއް ވިޔަސް ނަޝާއަކީ ކޮންމެ މީހަކުވެސް ދުރުން ފެނުމުން ހިތް ހިބަކޮށް ދެވުނު ނަމަވެސް ކައިރީގައި ދެތިން ދުވަސް ވުމުން ބިރުން ފިލަން މަޖުބޫރުކުރުވާ ކަހަލަ އަންހެނެކެވެ. ހަޔާތުގައި ހުރިހާ ކަމެއް އަމިއްލައަށް އޭނަ ކުރަން ބޭނުންވާތީއެވެ. މީހަކަށް ބަރޯސާވެގެން އުޅުމަކީ އޭނަ ބޭނުންވާ ގޮތްކަމަށް ނުވާތީއެވެ.

***

ރިޔާއަށް ދުވަސްވެގެން ދިޔައީ ދިގު ދުވަހަކަށެވެ. ނަމަވެސް އެއީ ރިޔާއަށް އައު ކަމެއް ނޫނެވެ. ނަޝާގެ ސަބަބުން އެފަދަ ކިތަންމެ ދުވަހެއް ރިޔާއަށް ވަނީ ފެނިފައެވެ. ހުރިހާ މުވައްޒަފުންނާއި އެކުގައި ރިޔާއާއި ނަޝާތިބީ ސީހައުސްއަށް ކެއުމަކަށް އަރައެވެ. ނަޝާގެ ރުޅިގަނޑާއި އެކުގައިވެސް އެ ދުވަހު އިންތިޒާމް ކުރެވިގެން ދިޔަ ހަފްލާގެ ކާމިޔާބީ ފާހަގަކުރުމުގައެވެ.

"އަސްލު ނަޝާ މާ އަވަހަށް، އަދި މާގަދަޔަށް ރުޅި އަންނަނީ. ނަޝާ ވެއްޖެ ތިކަންތަށް ހައްލުކުރަން މީހެއްގެ އެހީ ހޯދައިގެން ވިޔަސް." ރިޔާ ނަޝާގެ ކޮނޑުގައި ޖަހާލަމުން ވާހަކަ ދެއްކިއެވެ.

"އަހަރެން ދޯ ރުޅިގަދައީ؟ އަހަރެން ރުޅިއައިވަރު އަދި ކުޑައެއްނު؟ އަދިވެސް އިތުރަށް އެ މުސްކުޅި މީހާގަނޑަށް އެއްޗެހި ކިޔާލެވުނު ނަމަ ރަނގަޅުވީސް. އެހެން ނޫނަސް މަ ރުޅި މަޑުކުރަން ވަކި ކާކުކައިރިއަށްތަ ދާންވީ؟ ތިހާ ބޮޑަށް އެނގޭމީހާ ބުނެދޭންވީނު؟" ނަޝާ ދެފަރާތަށް ތުން އަނބުރާލަމުން މިހެން ބުނެލިއެވެ.

"މި ބުނީ ނިކަން ރިލޭޝަންޝިޕް އަކަށްވެސް ދޭބަލާށޭ. މީހަކާއި އެއްކޮށް އުޅެން ފެށީމަވެސް ހިތުގެ ތެރޭގައި ފޮރުވިފައިހުރި އުދާސްތަކާއި ވޭންތަށް ބޭރުވެދާނެއޭ." ޖޫސްތަށި ނަގާ ބޯންފެށުމުގެ ކުރިން ރިޔާ ބުންޏެވެ.

"އެހެންތަ؟ އެހެންވިއްޔާ ރިޔާގެ ފިރި ނަސްރުދޭންވީނު؟" ނަޝާ ހިނިގަނޑެއް ޖަހާލިއެވެ. އެހެން ބުނުމާއި އެކުގައި ރިޔާ ކޮށި އަރާގޮތްވިއެވެ. އިރުކޮޅަކު ކެއްސާމުލުމަށް ފަހު ރިޔާ ހަމައަކަށް އެޅިލިއެވެ.

"އަހަރެންގެ ނަސްރު؟ އަވަހަށް ނަޝާ އޭނަ ގެންދޭ. އެ މުސްކުޅިޔާގެ އުނދަގޫ ބައެއް ފަހަރު އަހަންނަށް ވަރަށް ބޮޑޭ. އެނގޭނު މި ބުނަން އުޅޭ އެއްޗެއް" ރިޔާ މިހެން ބުނެލުމާއި އެކުގައި ދެމީހުންގެ ހިނިގަނޑު އެކުއެކީ ފަޅައިގެން ދިޔައެވެ.

މުޅި ޓީމް އެއްކޮށް މޭޒުދޮށުގައި ތިބެގެން ކައި ސަމާސާ ކުރަމުން ދިޔައިރު ރިޔާއާއި ނަޝާ ދައްކަމުން ދިޔައީ އަމިއްލަ ވާހަކަ ތަކެވެ. ނަމަވެސް ހުރިހާ ވާހަކައެއް ހުއްޓާލުމަށްފަހުގައި ރިޔާ ސީރިއަސް ވެލިއެވެ.

"އޯކޭ. އަހަރެން ދައްކަން މިއުޅޭ ވާހަކަ އެންމެން ވަރަށް ރަނގަޅަށް އަޑުއެހުމަށް އެދެން. އެންމެންނަށްވެސް އެނގޭނެ މިދުވަސްކޮޅު ކޮންޕެނީއަށް މާ ބޮޑު އިންކަމްއެއް ނުލިބޭކަން. އެންމެންގެ މުސާރަތަށް ދޭންވެސް ދަތިތަކެއް ހުރިކަން ހުރިހާ އެންމެންނަށް އެނގޭނެ. އަހަންނާއި ނަޝާ މުސާރައެއް ނުނަގާތާ މިހާރު ހަތްމަސް ވަނީ. މިހެން މިދިމާވަނީ އެއްވެސް ހާލެއްގައި ސްޓާފުންގެ މަސައްކަތް ގޯސްވެގެނެއް ނޫން. ދުވަސްކޮޅެއް ވެއްޖެ މިހުރިހާ ކަންތަކާއި ދޭތެރޭގައި އަހަރެން ވިސްނަމުން އަންނަތާ. ވަރަށް ވިސްނުމަށްފަހުގައި އަހަރެން ނިންމައިފިން މި ކޮންޕެނީ ޕާރޓްނާރ ޝިޕްއަކަށް ބަދަލުކުރަން. އެންމެ އުފާވެރި ހަބަރަކީ މިކަމަށް ބަޔަކު އެއްބަސް ވެއްޖެކަން. މިއީ އިވެންޓް ޕްލޭނިންގގައި އުޅުނު ބައެއް ނޫން. އެކަމަކު ވަރަށް ޗެލެންޖިންގ ކަންތައްތަށް ކުރަމުން އަންނަ ބައެއް. މާދަމާ އޮފީހުގައި މި ޑީލްގައި ސޮއި ކުރުން ކުރިއަށްދާނެ. އަހަރެން ބޭނުން އެއްވެސް މައްސަލައެއް ނުޖެހި މިކަންތައް ނިމެން. ހާއްސަކޮށް ނަޝާ. ޕްލީޒް ޕްލީޒް އާދޭސްކޮށްފައި ބުނަން. މިކަންތައް ޕްލޮޕްވިއަ ނުދޭތި." ނަޝާގެ އަތުގައި ހިފާލަމުން ރިޔާ އެދުނެވެ. ނަޝާ ގާތަށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ މަޑުކޮށްލީއެވެ. ހިނިގަނޑު ފަޅައިގެން ގޮސްދާނެތީއެވެ.

***

އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކީއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލާ ނަޝާ ބަލާލިއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް އެދުވަހު ނަޝާ ރީއްޗެވެ. ކޮންމެވެސް ވަރެއްގެ ލުއި މޭކަޕެއް ކޮށްފައި ހުރުމުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އިސްތަށިގަނޑު ވައްޓާލާފައި ވީ އިރު އެއީ ފަހަކަށް އައިސް ނަޝާ ވަރަށް ނުކުރާ ކަމެކެވެ. ނަމަވެސް އެދުވަހަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށާއި އޭނާވެސް އުޅޭ ކުންފުންޏަށް އެންމެ ބޮޑު އެއް ދުވަހެވެ. އެހެން ކަމުން އެދުވަހު ރީތިވާން ޖެހޭނެ ނޫންހެއްޔެވެ؟

ހަމަޖެހިލައިގެން ގެއިން ނުކުމެގެން ގޮސް ސައިކަލަށް އަރަން އުޅުމުގެ ތެރޭގައި ސައިކަލު ތަޅުދަނޑި ވެއްޓުނީ ކާނުގަނޑުތެރެއަށެވެ.

"ކަންތަކާ ޖެހުނީއޭ. މިކަމެއްނު ދެން ނުވެގެން މިއުޅުނީ، މި ފެށުނީއޭ. އެއްވެސް ކަމެއް ރަނގަޅަކަށް ނުދާނެ" އެއްކަލަ ނަޝާ ރުޅިގަވެގެން ފަތިވަރު ދަމަން ފެށިއެވެ. ކުދި ކިޔަމުން ކިޔަމުން ގޮސް ގެއަށްވަދެ ތަޅުދަނޑި ނެގުމަށް ފަތިކޮޅެއް ހިފައިގެން ނުކުމެ އެ ނެގުނު އިރުގައި މީހާ ހުރީ ރުޅިގަދަވެގެން ހަލާކުވެފައެވެ. ދޫކޮށްލާފައިއޮތް އިސްތަށިގަނޑު ނަގާ ހުޅިއެއް ޖަހާލާ އޮފީހަށް މިސްރާބު ބެހެއްޓިއެވެ.

"ދިވެހިން ނުވާނެ ރަނގަޅެއް. ހުރިހާ ކުންޏެއް މަގު މައްޗަށް. ކާނުގަނޑުތަށް ހުންނަނީ ކުނިން ފުރިފައި. އެއްޗެއް ވެއްޓުނިއްޔާ އެ އެއްޗެއް ދެވަނަ ފަހަރަށް ބޭނުން ކުރަންވެސް ނުކެރޭނެ!" ނަޝާ ރުޅިގަނޑު ބާލަމުން ދިޔައީ ރިޔާއަށެވެ.

"މިހިރަ ނަޝާ. ކޮންމެފަދަ ކަމަކާވެސް ރުޅިގަދަވެދާނެ. ބަލަ ނަޝާވެސް ނުބަލާ އުޅުނީމައެއްނު ތަޅުދަނޑި ވެއްޓުނީ؟" ރިޔާ ހެމުން ހެމުން އެހެން ބުނެލާފައި ކޮންފަރެންސްއިން ނުކުމެގެން ދިޔައީ " އެ ބޭފުޅުން" ވަޑައިގެންފިކަމަށް މުވައްޒަފަކު އައިސް ބުނުމުންނެވެ. ނަޝާވެސް ތިމަންން ފާހާނާއަށް ވަދެލާފައި އެބަދެމޭ ބުނެލާފައި ފާހާނާއަށް ވަންނުމަށް ދިޔައެވެ.

ވަދެގެން އައި ވަފްދުގެ ބޭފުޅުން ފަހަރަކު މީހަކާއި ސަލާމް ކުރުމަށްފަހު ގޮސް ވަނީ ކޮންފަރެންސް ހޯލަށެވެ. އިސްކޮށް ހުރީ  ބަލާބެލުމަށް ތިރީހުގައި އުޅޭ ފިރިހެނެކެވެ. ދޮން ރީތި ހަށިގަނޑެކެވެ. ގަޔަށް ބާރު ގަމީހެއް ލާފައިވީއިރު ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި ވިއެވެ. ބޮލުގައި "ސްޕައިކް" ޖައްސާފައި ހުރި ޒަމާނަށް ލޯބި ކުރާ ފިރިހެނެކެވެ.

ކޮންފަރެންސް ހޯލުގެ ދޮރު ހުޅުވާލާފައި ހިނިތުންވުމަކާއި އެކުގައި ވަދެގެން އައި ނަޝާގެ ހިނިތުންވުން ގެއްލި ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. އެ ފިރިހެން މީހާ ފެނުމުންނެވެ. އެފިރިހެން މީހާއަށް ނަޝާއަށް ބަލާލެވުނެވެ. އަމިއްލަ ދެލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވޭ ހާލުގައެވެ.

"ނަޝާ"

"ނޫޒަން"

ދެމީހުންނަށްވެސް ހިތާ ހިތުން އެކަކު އަނެކަކުގެ ނަން ކިޔާލެވުނެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ