ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ކަސިޔަސް ކުރިމަތިލަނީ!

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް އިކާ ކަސިޔަސް ކުރިމަތަލާން ތައްޔާރުވެއްޖެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން، ސްޕެއިންގެ ޤައުމީޓީމުގެ ކުރީގެ ކީޕަރު ކަސިޔަސް ކުޅުން ހުއްޓާލުމަށްފަހު ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ކުރިމަތިލާން ނިންމާފައިވާއިރު، ނޭޝަނަލް ސޯޕްޓްސް ކައުންސިލާއެކުވެސްވަނީ މަޝްވަރާކޮށްފައެވެ.

މީގެ 8 މަސްވަަރު ކުރިން މިފަދަ އަޑުތަކެއް މީސްމީޑިއާގައި ފެތުރިފައިވާއިރު، އެދުވަސްވަރު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕޯލްއަކުން 94 ޕަސެންޓް މީހުން ކަސިޔަސްއަށް ތާޢީދުކޮށްފައިވެއެވެ.

އުމުރުން 38 އަހަރުގެ ކަސިޔަސްގެ މިނިންމުމާއި ބެހޭ ގޮތުން އޭނާއާއެކު ސްޕެއިންގެ ޤައުމީޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާއި ބައްދަލުކޮށް ވާހަކަދައްކާފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

މިދިޔަ މެއި މަހު އެއް ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު، ކަސިޔަސް ކުޅުން ހުއްޓާލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެހެންނަމަވެސް ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ދޫކޮށްލި ކަސިޔަސް ބުނީ ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.

ރެއަލްމެޑްރިޑު ޔޫތު ޓީމުން ކެރިއަރު ފެށި ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވާ ރެއަލްމެޑްރިޑުގެ ބޮޑު ޓީމުގައެވެ. އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. މިސީޒަންގައި މިހާތަނަށް ކަސިޔަސް މެޗެއް ކުޅެފައިނުވާއިރު، މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އޭނާ ހުންނަނީ ބްރޭކެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ