ދިވެހިންނަށް ސަޢޫދީ ޢަރަބިއްޔާއަށްވެސް އޮން-އެރައިވަލް ވިސާގައި ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިއްޖެ

ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ފަތުރުވެރިންނަށާއި، ޢުމްރާގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ ދިވެހި ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ސަޢުދީ ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު މިއަދު އިޢުލާން ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި، ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި، އޮން-އެރައިވަލް ވިސާގެ ޚިދުމަތްތައް ފެށުމާއެކު، ދިވެހިން ސަޢުދީއަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ-ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ނުވަތަ ވިސާއާއި ނުލާ ސަޢުދީއަށް ދަތުރުކޮށް އެއަރޕޯޓްއިން ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން އޮން-އެރައިވަލް ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެންދިއުމާއެކު ދިވެހިރައްޔިތުންނަށް މި ވިސާގައި ސިންގަލް އެންޓްރީ ނަމަ، 1 މަސް ދުވަހުގެ މުއްދަތަށް ހުރެވޭނެކަމަށާއި އަދި، މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއް، ސަޢުދީ ޢަރަބިއްޔާގައި ޖުމްލަ 90 ދުވަސް ހޭދަކުރެވޭގޮތަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށާއި، ކިޔެވުމާއި، ސިއްޙީ ފަރުވާއަށް އަދި ސަޢުދީ ޢަރަބިއްޔާގައި މަސައްކަތްކުރުން ފަދަ ބޭނުންތަކަށް މި ވިސާ ބޭނުންނުކުރެވޭއިރު، މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްކަމުގައިވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާއަކީ ދިވެހިރައްޔިތުން ވަރަށް މުހިންމު ބޭނުންތަކެއްގައި ދަތުރުކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން، ސަޢުދީ ރަސްގެފާނުގެ މި މުހިންމު ނިންމެވުމާއެކު، ސަޢުދީއަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި، މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޚާއްސަ އަޙައްމިޔަތުކަމާއި އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ހިގައްޖެކަމުގެ ހެއްކެއްކަމުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަމުން، ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ރާއްޖޭގެ ހައިބަތު އުފުލައިދޭން ކެނޑިނޭޅި މިކުރާ މަސައްކަތުގައި މިސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުކަމުގައި ބަޔާންކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ