ނިހާޔާ މިފަހަރުވެސް ތަށި އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެ

ޗެސްގެ ދުނިޔޭގައި ފަނޑުނުވެ، ފިޔަ ޖަހަމުން އަންނަ ނިހާޔާ އަޙްމަދު މިއަހަރުގެ ނެޝަނަލް ވޮމެންސް ޗެސް ޗެމްޕިއަންޝިޕްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށްފިއެވެ.

މިއީ އުމުރުން 20 އަހަރުގެ ނިހާޔާ، ނެޝަނަލް ވޮމެންސް ޗެސް ޗެމްޕިއަންޝިޕް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކުރި 6 ވަނަ އަހަރެވެ. ނިހާޔާވަނީ މިމުބާރާތް 2014، 2015، 2017، 2018 އަދި 2019 ގެ އިތުރުން 2020 ވަނަ އަހަރުވެސް ކާމިޔާބުކޮށްފައެވެ. 2016 ވަނަ އަހަރު މިމުބާރާތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނިހާޔާ ޗެސްގެ ދުނިޔެއަށް ނިކުތީ އުމުރުން އެންމެ 12 އަހަރުގައެވެ. އޭގެފަހުން ޗެސްގައި ގިނަ ކާމިޔާބީތަކެއް ނިހާޔާ ހޯދާފައިވާއިރު، ނިހާޔާވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެސްއިން ރާއްޖެ ތަމްސީލުކޮށްދީފައެވެ. އެހެންކަމުން ނިހާޔާއަކީ ރާއްޖޭގެ ޗެސްގެ ރާނީ އޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ.

މިއަރުގެ ނެޝަނަލް ވޮމެންސް ޗެސް ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ފަރާތަކުންވަނީ ބައިވެރިވެފައެވެ. ނިހާޔާ މުބާރާތް ކާމިޔާބުކުރީ ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެގެންނެވެ. އަނެއް މެޗުން އެއްވަރު ވެފައިވާއިރު، އެމެޗުގައި ބައްދަލުކޮށްފައިވަނީ ހަވަނައަށް ދިޔަ އާލާ މުޙައްމަދު ނައުޝާދާއެވެ.

މިމުބާރާތުގެ ދެވަނައަށް އުމުރުން 15 އަހަރުގެ މަރްޔަމް ލައިސާ ޢަބްދުލްރަޝީދު ގޮސްފައިވާއިރު، ތިންވަނަ ހޯދީ އުމުރުން 14 އަހަރުގެ އައިޝަތު އަލްޔާ މުޙައްމަދު ޝަރީފެވެ.

މުބާރާތް ނިންމުމުގެ ޙަފްލާ ރޭ ހުޅުމާލޭގައި ކުރިއަށް ގޮސްފައިވާއިރު، މިޙަފްލާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ނެޝަނަލް ޗެސް އާކޭޑްގައި ނުވަތަ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ބަޔާއި އޯޕަން ބައިން ޤައުމީ ޓީމަށް ހޮވުނު ކުޅުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ޙާޞިލުކުރި ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

މި އަހަރު މި ކުރިއަށްގެންދިޔަ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން 2019 ވަނަ އަހަރު އެކުލަވާލެވުނު ހިންގާ ކޮމެޓީއިން އިންތިޒާމްކޮށްގެން މިހާތަނަށް ބޭއްވި 2 ވަނަ ޗެސް މުބާރާތެވެ.

ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތުން ކާމިޔާބީތައް ހޯދައިފައިވާ ފަރާތްތައް އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 44 ވަނަ ވޯލްޑް ޗެސް އޮލިމްޕެއިޑް 2020 ގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ