އަޙްމަދު ނާޝިދުއާއި ޒީނަތު ޢަބްދުލްމުޙްސިންގެ އެންމެ ހަގު އަންހެންދަރި ނިޙާޔާ އަޙްމަދު (ނިހާ) އަކީ ހަމަޤައިމުވެސް އެފަދަ ދެވަނައެއްނުވާ ޒުވާން މޮޅު ޗެސް ކުޅުންތެރިއެކެވެ.
އުމުރުން 20 އަހަރުގެ ނިހާއަކީ ރާއްޖޭގެ ޗެސްގެ ރާނީ އޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ. އުމުރުން އެންމެ 12 އަހަރުގައި ޗެސްގެ ދުނިޔެއަށް ނިކުތް ނިހާޔާވަނީ ވޭތުވިޔަ ފަސް އަހަރު އެއްވެސް މެޗަކުން ބަލިނުވެ، ނެޝަނަލް ވޮމެންސް ޗެސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
ނިހާ ބުނިގޮތުގައި އޭނާ ޗެސް ކުޅެއް ދަސްކުރީ 2012 ވަނަ އަހަރުގެ މެދަކާއި ހިސާބުގައެވެ. ކުޅިތައް ދުވާ ގޮތާއި، ގޭމް ޕްލޭންތައްވެސް ސުމަކުން ފެށި ނިހާޔާއަށް އެކުޅިވަރު ވަރަށް ގަޔާވާ ކުޅިވަރަކަށްވެ، ފޫހިކަމެއްނެތި އެކަނިމާ އެކަނިވެސް ޗެސް ކުޅުމުގައި އޭނާވަނީ އެތަށް ގަޑިއިރެއް ހޭދަކޮށްފައެވެ.

ނިހާ ދެކޭގޮތުގައި މިހާ ޙަޤު އުމުރެއްގައި ޤައުމީ ގިނަ ކާމިޔާބީތަކެއް ހޯދުނީ އުންމީދު ކަނޑާނުލައި އޭނާ ކުރި ބުރަ މަސައްކަތުންނެވެ. އަދި މިއަދު މިމަޤާމަށް ވާޞިލްވެވުނީ ޗެސްގެ ހުނަރު ކުރިއަރުވަން އެތަށްއަހަރަކު ކުރި ބުރަ މަސައްކަތުންކަމަށްވެސް ނިހާ ޤަބޫލުކުރެއެވެ.
ނަޞޭހަތެއްގެ ގޮތުން ނިހާބުނީ، ޗެސް ނުވަތަ އެނޫންވެސް ކުޅިވަރަކުން ކާމިޔާބީއާއި ހަމައަށް ވާޞިލްވެވޭނީ އެކުޅިވަރެއް ކުޅޭ ހިތުން، އެކަމާއި ގަޔާވެގެން އެކުޅިވަރެއް ކުޅޭނަމައެވެ. އަދި މީގެއިތުރުން ދިމާވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލައި އަބަދުވެސް ހުނަރު އިތުރަށް ކުރިއަރުވަން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ނިހާ ފާހަގަކޮށްފައިވާއިރު، ރަނގަޅު ނަތީޖާއެއް ނެރުމަށް ރަނގަޅު ސިއްޙަތެއްގައި ހުރުމުގެ މުހިންމުކަންވެސްވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެސްއިން ރާއްޖެ ތަމްސީލުކޮށްފައިވާ ނިހާ، 2014 ވަނަ އަހަރު ލަންކާގައި ބޭއްވުނު އޭސިއަން ސީނިއާ އެންޑް އެމެޗުއާ ޗެސް ޗެމްޕިއަންޝިޕްއިންވަނީ ދެވަނަ ހޯދާފައެވެ.

ހުނަރުވެރި ނިހާވަނީ ޗެސް އުނގަންނައި ދިނުމުގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، ވާދޫ ސޯޝަލް ސެންޓަރުން އިސްނަގައިގެން މިއަހަރު ކުރީކޮޅު ކުރިއަށްގެންދިޔަ ކުޑަ ކުދިންނަށް ޗެސް ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމްގައި ކްލާސްތައް ނަގައިދީފައިވެއެވެ.
މަތިއުޑުގައި ފިޔަޖަހަމުންދާ ރާއްޖޭގެ ޗެސް ރާނީ، ނިހާއަށް ގިނަގުނަ ކާމިޔާބީއަށް އެދޭހާލު ވިދިވިދިގެން ފަސް އަހަރު ހޯދާފައިވާ ފުރިހަމަ ކާމިޔާބީއަށް "ފެށުން" އިން މަރުޚަބާ ކިޔަމެވެ.



