ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑަގެންފިއެވެ.
ރައީސް ޞޯލިހު ދ. ރިނބުދުއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލައްވައި އެރަށުން ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ވަނީ އެރަށުގެ ފުޓްސެލްދަނޑު ހުޅުއްވައިދެއްވައިފައެވެ. ރިނބުދޫ ފުޓްސަލް ދަނޑަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓާއި ރިނބުދޫ ކައުންސިލު ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މި ދަނޑު ވަށައިގެން ކައުންސިލުން ވަނީ ޖޮގިން ޓްރެކެއްވެސް ތަރައްޤީކޮށްފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ޞޯލިހު ވަނީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އެރަށުގައި ޤާއިމްކޮށްދައިވާ ޘަޤާފީ މަގު ވެސް ރައީސް ޞޯލިހު ވަނީ ހުޅުއްވައިދެއްވައިފައެވެ.
މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން ވެސް ރައީސް ވަނީ އިފްޠިތާޙް ކޮށްދެއްވާފައެވެ.
ރައީސް ޞޯލިހުގެ މިދަތުރުފުޅުގައި ވަނީ އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ.




