ދިވެހިރާއްޖޭގައި ޕްރިފެރެންސް ވޯޓަކަށް ދާން ވިސްނަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ވީޓީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާޙަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، ޕްރިފެރެންސް ވޯޓް ދިވެހިންނަށް އާވެދާނެ ކަމަށާއި، ނަމަވެސް ޕްރިފެރެންސް ވޯޓަކަށް ދިއުމުން އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަށް މަދު ޕަސެންޓޭޖެއް ލިބޭ މައްސަލަ ހައްލުވާނެ ކަމަށެވެ.
"އެބަ ވިސްނަން ރާއްޖޭގެ ޤާނޫނުތަކަށް އިސްލާޙް ގެންނަން ޕޯސްޓަލް ވޯޓިންގ ތައާރަފް ކުރުމަށް، އަދި ހަމައެއާ އެކީގައި ބައެއް ޖަމްއިއްޔާ ޖަމާއަތްތަކާ އެކީގައި އެބަ މަޝްވަރާ ކުރަން ޕްރިފެރެންސް ވޯޓަކަށް ދާން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޕްރިފެރެންސް ވޯޓިންގ ސިސްޓަމެއް އޮތްނަމަ، ގޮނޑިތައް ދޫކުރުމާ ގުޅޭގޮތުން ކޯލިޝަނުގެ މެދުގައި ޖެހުނު މައްސަލަ ދިމާނުވާނެ ކަމަށެވެ.
"ކޮންމެ މހަކުވެސް ވޯޓް ލާނީ އެމީހެއްގެ އެންމެ ފުރަތަމަ ޕްރިފެރެންސަކީ ކާކުކަން، ދެވަނަ ޕްރިފެރެންސަކީ ކާކުތޯ؟ އެމްޑީޕީގެ މީހަކު އެންމެ ފުރަތަމަ ޕްރިފެރެންސަކަށް ޖަހާނީ އެމްޑީޕީގެ ކެންޑިޑޭޓް، ދެވަނަ ޕްރިފެރެންސަކަށް ޖަހާނީ އެހެން ކެންޑިޑޭޓެއް، އެގޮތަށް ހުރިހާ ޕްރިފެރެންސްތަކެއް އެއްކޮށްލީމަ އެންމެ މަތީ ޕަސެންޓޭޖެއް އަންނަ ކެންޑިޑޭޓަކު އިންތިޚާބު ވާނީ" ޕްރިފެރެންސް ވޯޓް އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޝަރީފް ވިދާޅުވިއެވެ.
އިލެކްޓޯރަލް ޕްރޮސެސް ބަލަދުވާންޖެހޭ ކަމަށާއި، ޚާއްޞަކޮށް ރީރަޖިސްޓަރޭޝަން ބަދަލު ގެންނަންޖެހޭ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.



