އަނެއްކާވެސް ޔާމީނުގެ މައްޗަށް މަނީ ލައުންޑަރިންގެ އިތުރު ތުހުމަތުތަކެއް

ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު އިތުރު މައްސަލަތަކެއްގެ އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޟިރުކޮށް ސުވާލު ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެއިން މަންފާ ހޯއްދެވި މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން ވަނީ އިއްޔެ ތަހުޤީގަށް ހާޟިރުކޮށް 3 ގަޑިއިރު ވަންދެން ސުވާލުކޮށްފައެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނަށް ވިދާޅުވީ ޔާމީން ހާޒިރު ކުރީ މިހާރު ވެސް ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ފުލުހުން ވަނީ ރޭގައި ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ވަނީ ޔާމީނަށް ކުރާ ތުހުމަތުތައް ހާމަކޮށްފައެވެ.

ޔާމީން ކުރާ އެއް ތުހުމަތަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓް ތަރައްގީކުރުމަށް ފަޅުތަކާއި ރަށްތައް ކޮރަޕްޝަން ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކުރި މައްސަލައާއި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް 220،704،546 ރުފިޔާ (ދުއިސައްތަ ވިހި މިލިއަން ހަތް ލައްކަ ހަތަރު ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދައި އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކުރި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީން އަމިއްލަ ފަރާތްތަކަށައި ކުންފުނި ތަކަށް 1،900،000 ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށް އެ ފައިސާ އަށް ވެސް ޚިޔާނާތްތެރިވެ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސުވާލުކޮށްފަ ވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކިޔާ ރަށެއް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު (17،239،560 ރުފިޔާ) ނަގައި އެ ފައިސާވެސް އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑުކުރި މައްސަލަ އެއްގައިވެސް ޔާމީނާއި ސުވާލު ކުރެވިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއި އެ އިދާރާގެ މަސައްކަތާއި މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭ ގޮތަށް މައްސަލަތަކުގައި ފުލުހަށް ހާޟިރުވާ ވަކީލުން އަމަލު ނުކުރެއްވުމަށް ފުލުހުން ވަނީ އެބާޔުނުގައި އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ