އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދޫ ބަނދަރުގެ ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޕާމަނެންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކުރީ 65 މިލިއަން ރުފިޔާއަށް 375 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
މި މަޝްރޫގެ ދަށުން 114 މީޓަރު ބޮޑުހިލައިގެ ނެރު ފައިކަށި ގާއިމްކުރުމާއި، 25 މީޓަރު ގްރޮއިން ލުމާއި، 742 މީޓަރު އެއްގަމު ތޮށި ލުމާއި، 624 މީޓަރު ރިވެޓުމެންޓު ޖެހުމާއި، ބަނދަރުގައި 36 ބައްތި ޖެހުމާއި، 2250 ސްކެއާ މީޓަރު ޕޭމަންޓު ގާއިމްކުރުމާއި، 12 މޫރިންގް ބްލޮކު ޖެހުމާއި، ދެ ނެރު ބައްތި ޖެހުމާއި، ބަނދަރު ފުންކުރުމާއި، އެއް ރޭމްޕު ޖެހުމުގެ އިތުރުން އެއް ކޮންކްރިޓު ބުރިޖު ގާއިމްކުރުން ހިމެނެއެވެ.




