އޮންލައިންކޮށް ބިލަށް ފައިސާ ދައްކުމަށް ސްޓެލްކޯ އިންވެސް އެދިލައްވައިފި އެވެ.
ކޮވިޑް-19 ފެތުރެމުންދާތީވެ ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި ސްޓެލްކޯ އިން އޮންލައިންކޮށް ބިލްތައް ދެއްކުމަށް އެދިލައްވާފައި މިވަނީ ނުރައްކާތެރި ކޮވިޑް-19 އިން ސަލާމަތް ވުމުގެ ގޮތުންނާއި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ވެސް މިހާތަނަށް 6 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސިއްޙީ މާހިރުން ދަނީ ވިދާޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ ސްކޫލް ތައްވެސް ބަނަދުކުރުން ރަނގަޅު ކަމަށް މައްސޫރު ޑޮކްޓަރ ނިޔާފް ވަނީ ވިދާޅުވެފައެވެ.
މި ދަނޑިވަޅުގައި ބިލް ދެއްކުން ފަދަ ހިދުމަތްތައް ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓާއި، އެޕްލިކޭޝަން ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ކުންފުނީގެ ޚިދުމަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، ކުންފުނީގެ ނަންބަރު 3314949 އަށް ގުޅުއްވުމަށް ސްޓެލްކޯއިން ވަނީ އެދިލައްވާފައެވެ.
ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނިކަމަށްވާ ދިރާގުން ދެމުން އަންނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ ކުންފުނިންވެސް މިއަދު އިލްތިމާސްކޮށްފައިވާއިރު މޯލްޑިވިއަން އިންވެސް ވަނީ ކޮވިޑް-19 ފެތުރެމުންދާތީ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށް ބާރު އެޅުމުގެ ގޮތުން ކަސްޓަމަރުން ޓިކެޓް ގަތުމަށް ޓިކެޓް އޮފީހަށް ދިޔުމުގެ ބަދަލުގައި ވެބްސައިޓާއި ވައިބަރ ޕްލެޓް ފޯމާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



