މާވެޔޮ މަގުގެ މާވެޔޮ މިސްކިތްކައިރީ، މަގުމަތީ ހަރުކޮށްފައި ހުރި ޓްރާންސޯމަރުތައް ސްޓެލްކޯއިން ނަގައިފިއެވެ.
ހަ އަހަރު ވަންދެން ސްޓެލްކޯއިން އެ މަގުގައި ހަރުކޮށްފައި ހުރި ޓްރާންސްފޯމަރުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީވެ އެކަމުގެ ޝަކުވާ އޮތީ ވަރަށް ބޮޑަށް އައިސްފައެވެ. މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، އެ މަޤާމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ މާވެޔޮ މަގުގައި ހުރި ޓްރާންސްފޯމަރުތައް ނެގުމުގެ މަސައްކަތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ފަހުމީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ޓްރާންސްފޯމަރުތައް މި ސަރުކާރުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ މަގުމަތިން ނަގާފައި ކަމަށެވެ.
ފަހުމީ ވިދާޅުވީ، މި މަސައްކަތަކީ ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު ކުރި މަސައްކަތެއް ކަމަށެވެ.
"ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ މަގުމަތިން ނަގާފައި. މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ." ފަހުމީ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތައް ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.