ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހިއްޖެނަމަ ފަރުވާއެއް ހޯދައިދެވޭނެ ތަނަކީ ކޯޓުތައް ނޫންކަމަށާއި، އެ ބާރު އޮތީ ދިވެހިރާއްހޭގެ ޤާނޫނު ހަދާ މަޖިލީހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، އިންތިޚާބު ފަސްކުރުމަކީ ސްޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރު ޢަލީ ނިޔާޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
"އިންތިޚާބު ފަސްކުރަންވެއްޖެނަމަ އެހެންވީމާ ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކީ މި މަޖިލިސް. އިއްޒަތްތެރި މެންބަރުން އެ ނުކުތާއަށް ވިސްނެވުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި މިވަގުތަށް ބޭނުންތެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން އެބޭފުޅުންގެ ހުދޫދުން ބޭރަށް ވަޑައިގެންފައިވާ މިންވަރާއި ދަރަޖަ، ޖުޑިޝަރީ ކޮމެޓީގެ ރިޕޯޓަކުން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓަކުންވެސް ފާހަގަކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި އިންތިޚާބު ބާޠިލްކުރުން، އިންތިޚާބު ފަސްކުރުން އެއީ ސްޕްރީމް ކޯޓާ ގުޅުންހުރި ކަމެއްގެ ގޮތުގައި ފާހަގައެއް ނުކުރޭ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައިވެސް އަދި މި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޓޕޯޓަކުވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ވަނީ މިއަދު އެ ކޮމިޝަނުން އަނބުރާ ގެނެސްފައެވެ.



