ކޮވިޑް-19: ހަރަމްފުޅާއި މަސްޖިދުލް ނަބަވީ ގައިވެސް ނަމާދުކުރުން ހުއްޓާލައިފި

މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ގައިވެސް ނަމާދުކުރުން ހުއްޓާލައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސައުދީ ސަރުކާރުން މީގެ ކުރިން ވަނީ ހަރަމްފުޅާއި މަސްޖިދުލް ނަބަވީ ފިޔަވައި ސައުދީގެ ހުރިހާ މިސްކިތެއްގައި ނަމާދުކުރުން ހުއްޓާލައިފައެވެ.

ސައުދީގެ މިސްކިތް ތަކުން ބަންގި ގޮވަމުން ދިޔަ ނަމަވެސް ބަންގިއަށް ބަދުލުގެނަސް ގޮވަމުންދަނީ ގޭގައި ތިބިގެން ނަމާދު ކުރުމަށެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައި ވެއެވެ.

ސައުދީ ސަރުކާރުން ވަނީ ގެފުޅު ވަށައިގެން ޠޮއާފު ކުރުންވެސް މަނާކޮށް ގެފުޅުވެސް ބަންދުކޮށްފައެވެ. މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީ ސައުދީ ފުލުހުން ބަންދު ކުރާ ފޮޓޯ ވެސް ވަނީ މީސް މީޑިއާގައި އާންމު ވެފައެވެ. މަސްޖިދުލް ނަބަވީގެ ގޭޓު ފުލުހުން ވަނީ ބަންދުކޮށް ތަޅު އަޅުވައިފައެވެ.

ކޮންމެ އަހަރަކު 7 މިލިއަނެއްހާ މުސްލިމުން އަދާކުރާ އުމުރާގެ އަޅުކަން އަދާކުރުންވެސް ސައުދީ ސަރުކާރުން ވަނީ ވަގުތީ ގޮތުން މެދު ކަނޑާލައިފައެވެ.

ސައުދީ އިން އިއްޔެ އާއި ހަމަޔަށް 274 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ސައުދީ އިން މިހާތަނަށް އެއްވެސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަކަށް ރިޕޯޓޫ ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ