ވައިރަސް ފަތުރަނީ ހަމަ އަހަރެމެން: ޑްރޮގްބާ

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ ޙިއްސާ ވަރަށް ބޮޑުކަމަށާއި، މިވައިރަސް ފަތުރާ މީހުންނަކީ ހަމަ އަހަރެމެންކަމަށް އައިވަރީކޯސްޓްގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ބުނެފިއެވެ.

އެފްރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނީ އައިވަރީކޯސްޓުންނެވެ. އެޤަައުމުން މިވައިރަސް ފެނުނީ މާރޗް 11 ގައެވެ. އަދި މިވައިރަސް ފެތުރަނުދިނުމަށް އެޤައުމުގެ ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މާރޗް 17 އިން ފެށިގެން ބައެއް ތަންތަންވަނީ ކަރަންޓީނުކޮށްފައެވެ.

އައިވަރީކޯސްޓުން މިހާތަނަށް ކޮވިޑް-19 އަށް 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން އެކަކުވަނީ ރަނގަޅުވެފައެވެ.

ޓްވިޓާ މެދުވެރިކޮށް އައިވަރީކޯސްޓުގެ ރައްޔިތުންނަށް ދިން މެސެޖެއްގައި ލެޖެންޑް ޑްރޮގްބާ ބުނީ، މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގައި، ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކަށްވެސް ބޯލެނބުމަށެވެ. މިކަމުގައި ރައްޔިތުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، ވައިރަސް ފަތުރަނީ ހަމަ އަހަރެމެންކަމަށް ޑްރޮގްބާ ބުނެފައިވެއެވެ.

"ގިނަގިނައިން އަތްދޮވޭ. ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދޭ. އެކަކު އަނެކަކާ މީޓަރެއްހާ ދުރުމިން ބަހައްޓާ." ޑްރޮގްބާ ބުންޏެވެ.

އިންގްލޭންޑްގެ ޗެލްސީގައި 8 އަހަރު ހޭދަކުރި ޑްރޮގްބާ ޗެލްސީއަށް ކުޅެދިން 341 މެޗުން 157 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. އަދި އޭނާއަކީ އައިވަރީކޯސްޓަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ޑްރޮގްބާވަނީ އައިވަރީކޯސްޓަށް ކުޅެދިން 105 މެޗުން 65 ލަނޑު ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ