ރާއްޖެއާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދުނިޔޭގައި އަދި ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިކަމަށެވެ.

ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮވިޑް-19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފައި ކަމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ މިނިސްޓަރ ޝާހިދު ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަނެއްކާވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ އަދި ކުއްލި ޙާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވިގޮތުގައި ކޮވިޑް-19 ފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޮވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޤުރޭޝީއަށް ތަހުނިޔާ ވިދާޅުވެފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޤުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ވަނީ ދައުވަތު އަރުވާފައި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ