ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި އެޓަލާންޓާއާއި ވެލެންސިއާ ބައްދަލުކުރި މެޗު ބަލަންވަތް 40000 ސަޕޯޓަރުންނަށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާނެކަމަށް އިޓަލީގެ ސިޓީއެއްކަމަށްވާ ބާގަމޯގެ މޭޔަރު ބުނެފިއެވެ.
ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން މޭޔަރު އެމެޗު ސިފަކޮށްފައިވަނީ "ބައޮލިޖިކަލް ބޮމްބް" އެއްގެ ގޮތުގައެވެ. އިޓަލީގައި ކޮވިޑް-19 ފެތުރެން މިހާ ގަދަޔަށް ފެތުރެން ދިމާވި ސަބަބަކީވެސް އެމެޗުކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.
އިންޓަރވިއުގައި ވާހަކަދައްކަމުން މޭޔަރުބުނީ، އޭރުވާނުވާ ނޭނގޭކަމަށާއި، އޭރުވެސް ވައިރަސް އިޓަލީގައި ފެތުރޭނަމަ އެދުވަހު މެޗުބަލަން ސެންސީރޯ ސްޓޭޑިއަމްއަށް ވަތް 40000 ސަޕޯޓަރުންނަށް އޭގެ އަސަރުކުރާނެކަމަށެވެ. ވައިރަސް އެމީހުންގެ މެޗުގައި ފެތުރޭކަމެއް ނޭނގޭއިރު، ގިނަ ބަޔެއްގެ އެމެޗުގައި ކޮންޓެކްޓްވެފައިވާއިރު، ވައިރަސް އެކިމީހުންގައި ފެތުރިފައިވާކަމަށްވެސް މޭޔަރު ބުންޏެވެ.
އިޓަލީއިން ކޮވިޑް-19 އަށް ފުރަތަމަ މީހާ ޕޮޒިޓިވްވީ 23 ފެބްރުއަރީގައެވެ. ސެންސީރޯގައި ކުޅެވުނު އެމެޗު ކުޅެވުނީ 20 ފެބްރުއަރީގައެވެ. އެމެޗުގެ ދެވަނަ ލެގު މާރޗް 11 ގައި ސްޕެއިންގައި ކުޅެފައިވެއެވެ.
ސްޕެއިންގެ ވެލެންސިއާ ޓީމުގެ 35 ޕަސެންޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވެލެންސިއާއިން ހާމަކުރީ މިމަހުގެ 16 ވަނަ ދުވަހު ނެރުނު ސްޓޭޓްމަންޓެއްގައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޔޫރަޕްގައި މިވައިރަސް އެންމެ ގަދަޔަށް ފެތުރެނީ އިޓަލީގައެވެ. އިޓަލީއިންވެސް ބާގަމޯ ސިޓީ ފާހަގަކޮށްލެވެއެވެ.
އިޓަލީއިން މިވައިރަހަށް މިހާރު 74000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 7500 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.




