އިންޓަރނޭޝަނަލް ޑުރަގު ޓުރަފިކިންގެ ތުހުމަތު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި ވެނެޒިއުލާ ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެމެރިކާއިން ކޮށްފިއެވެ.
މިކަން ހާމަކުރަށްވާ އެމެރިކާ ސަރުކާރުގެ އެޓާނީ ޖެނަރަލް ވިލިއަމް ބާރ ވިދާޅުވީ، މަޑޫރޯ ހައްޔަރު ކުރުމަށް އެހީތެރިވާފަދަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 15 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފައި ވާކަމަށެވެ.
މީގެއިތުރުން ވިލިއަމް ބާރ ވިދާޅުވީ، ވެނެޒުއެލާއިން ކޮލަމްބިއަން ފާރކް ރެބަލް ގުރޫޕާއި ގުޅިގެން އެމެރިކާއަށް ގިނަ އަދަދެއްގެ ކޮކެއިން އެތެރެކޮށް އެމެރިކާގެ އާބާދީ ހަލާކުގެ ތެރެއަށް ވައްޓާލަން ރާވައިފައިވާ ކަމަށެވެ.
އެމެރިކާއިން މީގެކުރިންވެސް މަޑޫރޯގެ މައްޗަށް ތަފާތު ގިނަ ތުހުމަތު ތަކެއް ކޮށްފައި ވެއެވެ. މީގެތެރޭގައި މަޑޯރޯގެ ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައާއި އަދި އަނިޔާވެރިކަމުގެ ސަރުކާރެއްގެ ގޮތުގައިވެސް އެމެރިކާއިން ބުނެފައި ވެއެވެ. މި ހުރިހާ ތުހުމަތުތަކަކަށް މަޑޫރޯ އަންނަނީ ދެކޮޅުހައްދަވަމުންނެވެ.
އެމެރިކާއިން މިފަހަރު އާ ތުހުމަތެއް މަޑޫރޯގެ މައްޗަށް ކޮށްފައިމިވަނީ މަޑުރޯގެ އަރިސް 14 ބޭފުޅުން ހިމެނޭ ގޮތަށެވެ، މިގޮތުން މަޑުރޯ ހިމެނޭ ގޮތުން މި 14 ބޭފުޅުންގެ މައްޗަށް އެމެރިކާއިންކުރާ އެހެން ތުހުމަތުތަކުގެ ތެރޭގައި މަނީ ލޯންޑަރިންނާއި ކޮރަޕްޝަނުގެ ތުހުމަތުތައްވެސް ހިމެނެއެވެ.
މަޑޫރޯ އަންނަނީ އެމެރިކާއިން އިސްވެ އޮވެ ވެނެޒުއޭލާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމަށް ތުހުމަތު ކުރަމުންނެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން މަޑޫރޯ އަވަހާރަ ކޮށްލަން އުޅުނުކަމަށްވެސް އެބޭފުޅާ ތުހުމަތު ކޮށްފައި ވެއެވެ.
މީގެ ކުރިންވެސް މަޑޫރޯ ވަނީ އެމެރިކާ އާއި ކޮލަމްބިއާ އާއި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން އޭނާ އަވަހާރަކޮށްލަން ރާވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ތުހުމަތެއް ސާބިތުވާ ވަރަށް ހެއްކެއް ދައްކަވާފައެއް ނުވެ އެވެ.



