އައްޑޫ ލިންކް ރޯޑް - ފޮޓޯ: ދަ ޓުއަރިސްޓް ޕްލޭސް

އައްޑޫ ސިޓީގެ ވިޔަފާރި ރޭގަނޑަށް ބަންދުކުރި ނިންމުން ބާތިލުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ވިޔަފާރިތަކުން ރޭގަނޑު ހިދުމަތް ނުދިނުމަށް މިދިޔަ ބުދަ ދުވަހު ނިންމި ނިންމުން އެ ކައުންސިލުން ބާތިލްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު އިއުލާނުގައި އަންގާފައި ވަނީ ބުރާސްފަތު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ގެ ފަހުން ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން އަވަށު އޮފީހުން ހުއްދަ ހޯދައިގެން އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ނަމަވެސް މިހާރު އެކައުންސިލުން ވަނީ އެ އިއުލާން ބާތިލް ކޮށްފައެވެ. އެ ކައުންސިލުން ބުނީ އެގޮތައް ނިންމީ ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެފަދަ ޙާލަތެއް އޮތްކަމަށް އެޗް.ޕީ.އޭއިން ނުދެކޭތީކަމަށެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) ޚިދުމަތް ދިނުމުގައި ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަކީ ކައުންސިލްގެ އިލްތިމާސެއް ކަމަށާއި، އަދި  ރައްޔިތުން ދުވާލުގެވަގުތުގައި ވިޔަފާރިކޮށް  ނިންމުމަކީވެސް ކައުންސިލްގެ އިލްތިމާސެއް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 16 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެއް ދިވެއްސަކު ހިމެނެއެވެ. މީގެ ތެރެއިން މިހާރުވަނީ 9 މީހަކު މިބަލިން ފަސޭހަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ