މިދިޔައަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ޖެހިގެން އިޓަލީން މިހާތަނަށް 100 ޑޮކްޓަރުން މަރުވެއްޖެއެވެ.
އިޓަލީގެ ހެލްތު އެސޯސިއޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހު އިޓަލީން ކޮވިޑް-19 ފެނުނު ފަހުން އެ ރޯގާ ޖެހިގެން މިހާތަނަށް އިޓަލީގެ 100 ޑޮކްޓަރުން މަރުވެފައިވާ ކަމަށެވެ.
"ކޮވިޑް-19ގެ ސަބަބުން އިޓަލީން މަރުވި ޑޮކްޓަރުންގެ އަދަދަކީ 100، އަދި މިއަދަދު މިވަގުތުވަނީ 101 ކަށް އަރައިފައި" އިޓަލީ ހެލްތު އެސޯސިއޭޝަނުގެ ތަރުޖަމާނަކު އޭއެފްޕީ ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވެފައި ވެއެވެ.
އިޓަލީން މަރުވި ޑޮކްޓަރުންގެ ތެރޭގައި ކޮވިޑް-19 އިޓަލީގައި ކޮންޓުރޯލްނުވާ ދަރަޖައަށް ފެތުރެން ފެށުމުން އެގައުމުގެ ސަރުކާރުގެ އެދުމަށް އިޖާބަދިނުމުގެ ގޮތުން މަސައްކަތަށް ނިކުތް ވަޒީފާއިން މުސްކުޅިކުރައްވައިފައި ތިބި ގިނަ އަދަދެއްގެ ދުވަސްވީ ޑޮކްޓަރުންވެސް ހިމެނެއެވެ.
އިޓަލީގެ މީޑިއާއިން މައުލޫމާތު ދޭގޮތުގައި ކޮވިޑް-19ގެ ސަބަބުން އިޓަލީންވަނީ 30 ނަރުހުންނާއި އަދި ނަރުހުންގެ އެހީތެރިންވެސް މަރުވެފައެވެ.
އިޓަލީގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ 10 އިންސައްތަ މީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކަމަށް އިޓަލީގެ ހެލްތް އިންސްޓިޓިއުޓުން ލަފާކުރެއެވެ.




