އައްޑޫ ސިޓީގައި އާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާ، ދެވޭނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތް

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ސިޓީގެ ވިޔަފާރިތަކުން ދެވޭނެ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތްދިނުން ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރެފައިވާ އިޢުލާނެއްގައި ވިދަޅުވެފައިވަނީ އައްޑޫސިޓީގައި ޢާއްމު ވިޔަފާރިތަކުން ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވަނީ އެކަށީގެންވާ ގޮތެއްގައިކަން ފާހަނގަކުރެވިފައިވާތީ އާއި އަދި މިހާލަތުގައި ވިޔަފާރިކުރުމަށް ގޭބިސީތަކުން ބޭރަށް ނުކުތުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމަކަށް ނުވާތީ އައްޑޫގައި ވިޔަފާރިތަކުން ދެވޭނެ ޚިދުމަތަކީ ހަމައެކަނި އެރަށެއްގެ ގެތަކަށް ޑެލިވަރީގެ ޚިދުމަތްދިނުން ކަމުގައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި އާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށްފައެވެ. އެގޮތުން އެކައުންސިލުން އޭޕްރީލް 18 ވަނަ ދުވަހު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދިއުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:00 އިން ފެށިގެން ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުމަކީ މަނާކަމެއްކަމަށެވެ.

އެހެން ކަމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިހާރުވެސް ކުރިއަށް ގެންދާގޮތަށް ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދެވުމަށް ދަންނަވާފައެވެ. އަދި ޑެލިވަރީ ޚިދުމަތް ދިނުމުގައި ވިޔަފާރިތަކުންނާއި މުދާ ބަލައިގަންނަ ފަރާތުން ސާމާލުކަންދީ، ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރަންވީ އިރުޝާދުތައްވެސް އެކައުންސިލުން ވަނީ ބުނެދެއްވާފައެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން އިރުޝަދު ދެއްވާފައިވަނީ:

1. އެގެއަކަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދައި ހަވީރު 18:00 ގެ ކުރިން ނުވަތަ އެވިޔަފާރިއަކުން ކަނޑައަޅާ ގަޑިތަކުގައި ޑެލިވަރީކޮށްދިނުމަށް އޯޑަރކުރުން.

2. ވިޔަފާރިތަކުން އެދުވަހަކަށް ލިބިފައިވާ ޑެލިވަރީ އޯޑަރުތައް ލަސްނުކޮށް އެގެއަކަށް ފޯރުކޮށްދިނުން.

3. ޑެލިވަރީކުރަނީ ޕެރިޝަބަލް ތަކެތި ކަމުގައިވާނަމަ އެތަކެތީގެ ހާލަތު އޯޑަރުކުރާ ފަރާތަކަށް އެންގުން.

4. ކޮންމެ ގޭބިސީއަކުން ފިހާރައަކަށް އެއް އޯޑަރަށްވުރެ ގިނަ އޯޑަރު ދުވާލަކަށް ނުކުރުން. 

5. މީގެ އިތުރުން ޑެލިވަރީކޮށްގެން ލިބޭތަކެއްޗާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުން.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ