ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް | ފޮޓޯ: މަޖިލިސް

ތަކެތީގެ އަގު އުފިލިދާނެ ކަމަށް ލަފާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ތަކެތީގެ އަގު އުފިލިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ލަފާކޮށްފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ތަކެތީގެ އަގު އުފިލިދާނެ ކަމަށް "ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭ މައްސަލަ ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު" ގައި ވަނީ ބަޔާން ކޮށްފައެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އަންނަ ލޮޅުމުގެ ސަބަބުން، އިޤްތިޞާދަށް އެތެރެވަމުންދާ ބޭރު ފައިސާ މަޑުޖެހި، މުދަލާއި ތަކެތި އިމްޕޯޓު ކުރުމަށްޓަކައި ބޭނުންވާ ޑޮލަރު ހޯދުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، މިޙާލަތުގައި، ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގުތައް އަންދާޒާކޮށްފައިވާ މިންވަރަށްވުރެ މަތިވުމަކީ އެކަށީގެންވާކަމެއްކަމަށް ކޮމެޓީ ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި، މިއަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެކަމަށް ލަފާކޮށްފައިވަނީ އެވްރެޖްކޮށް %1.0 ގައެވެ. އެހެންނަމަވެސް، ކޮވިޑް-19 ރޯގާއާ ގުޅިގެން، މިއަންދާޒާއަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށް އެރިޕޯޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވޭއިރު، އަދި ރާއްޖޭގެ އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު އިންސައްތައަކީ ޓޫރިޒަމް ސިނާޢަތަށް ލިބޭ ޑޮލަރު އާމްދަނީ ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން، އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެކަމަށްވެސް އެރިޕޯޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްއަށް އިތުރުވާ ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހާއި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާކަމަށްވާއިރު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ޓެކުހާއި ފީ ދަށްވެއްޖެނަމަ، ރިޒާވްއަށް ބޭރު ފައިސާ އިތުރުވާ މިންވަރުވެސް މަދުވެގެން ދާނެކަމަށާއި، 2020 ވަނަ އަހަރުގެ ބަޖެޓަށް އަންދާޒާކޮށްފައިވާ މިންވަރުގައި، ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް ހިފެހެއްޓުން ދަތިވާނެކަމަށާއި، މިފަދަ ޙާލަތެއްގައި، ޑޮލަރުގެ އަގު ނުވަތަ އެކްސްޗޭންޖް ރޭޓް މާކެޓުގައި އުފުލުމަކީވެސް އެކަށީގެންވާ ކަމެއްކަން އެމް.އެމް.އޭއިން ދީފައިވާ މަޢުލޫމާތުން ކޮމިޓީއަށް ފާހަގަކުރެވިފައި ވާކަމަށްވެސް އެރިޕޯޓުގައި ހިމަނާފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތައް ބަންދުކޮށްފައިވާއިރު ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ފަތުރުވެރިކަން އަލުން ފެށުމުގެ ކެމްޕެއިން “ސަން ވިލް ސައިން އެގެއިން” ޖޫން 8 ގައި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާނީ ރައްކާތެރިކަން ކަށަވަރުކޮށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީ ކަމަށާއި އުއްމީދު ކުރައްވަނީ ތިން ވަަނަ ކުއާޓާރގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ކަމަށް ކަމަށް އަލީ ވަޙީދު ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ