ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް

އިންޒާރަށްފަހު ރައީސްގެ މުސާރަ ކުޑަކުރުމުގައި ޖިނާއީ ނިޔަތް އޮތްކަން ވަރަށް ސާފު: ހައިލަމް

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އިންޒާރުދިނުމަށްފަހު ރައީސްގެ މުސާރަ ކުޑަކުރުމުގައި ޖިނާއީ ނިޔަތް އޮތްކަން ވަރަށް ސާފުކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލި ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ ކުޑަކުރަން ނިންމައިފައިވަނީ ގާނޫނާއި ހިލާފަށް ކަމަށްބުނެ ލިޔެފައިވާ ޚަބަރެއް މީސްމީޑިއާގައި ހިއްސާކުރައްވަމުން ހައިލަމް ވިދާޅުވީ، އެއްދުވަސް ކުރިން ސަރުކާރަށް އިންޒާރު ދިނުމަށްފަހު މިކަން މިގޮތަށް ކުރުމުން މިކަމުގައި ޖިނާއީ ނިޔަތް އޮތްކަން ވަރަށް ސާފު ކަމަށެވެ.

"1 ދުވަސް ކުރިން ސަރުކާރަށް އިންޒާރު ދިނުމަށްފަހު މިކަން މިގޮތަށް ކުރުމުން މިކަމުގައި ޖިނާއީ ނިޔަތް އޮތްކަން ވަރަށް ސާފު، އޭސީސީ އިން މިމައްސަލަ ބަލަންޖެހޭ" ހައިލަމްގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކޮވިޑް-19 އާ ގުޅިގެން ކުޑަކުރުމަށް 18 މާރިޗު 2020 ގައި ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށައަޅައި އެގޮތަށް ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސް ކުރި އިރު ރައީސުލް ޖުމްހުރިއްޔާގެ މުސާރައަކީ (ގާނޫނު ނަންބަރު 11/2009) ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުން ލިބިދޭ މުސާރަ އާއި އެލަވެންސެކެވެ. މި ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 (އެއްލައްކަ) ރުފިޔާ އެވެ.

ގާނޫނަކުން ނިންމައިފައިވާ ނިންމުމެއް އެގާނޫނަށް ބަދަލު ނުގެނެސް މަޖްލިސްގެ ކޮމެޓީއަކުން ނިންމާ ރިޕޯޓަކަށް ބިނާކޮށް ބަދަލު ނުގެނެވޭނެކަމަށް ބައެއް ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ.

ރައީސްގެ މުސާރައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ނައިބު ރައީސް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އަދި ސިޓީ ކައުންސިލްތަކުގެ މުސާރަ ކުޑަކުރުމަށް ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ