މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ހިނގާގޮތުގެ މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މިކަންތައްތައް ބެލުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް މުޢިއްޒުއެވެ.
މެންބަރު އިބްރާޙިމް މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފުހޯދައި ދިނުމަކީ އެބޭފުޅާ ނިސްބަތްވާ ޕާރޓީއާއި، އެބޭފުޅާ ނިސްބަތްވާ ސަރުކާރުގެ ވައުދެއްކަމަށެވެ. އަދި އެބޭފުޅާއަށް ރައްޔިތުން ވޯޓުދެއްވައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެއްވުމުގެ ސަބަބެއްކަމަށްވެސް މިކަން ވާ ކަމުގައި މެންބަރު ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.
މެންބަރު އިތުރަށް ވިދާޅުވެފައިވަނީ މިކަންތައްތަކަކީ އެކަމުގައި ޢާންމު މަސްލަޙަތު ހިމެނޭ މައްސަލަތަކަކަށް ވީހިނދު، އެ މައްސަލަތަކުގެ ތަޙްޤީޤުތަކާއި، ނުވަތަ ދައުވާއުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވުން މަދުކަމަށް ޤަބޫލުކުރެވޭކަމަށެވެ.
މީގެ އިތުރުން އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާތީ، އެ މައްސަލަތައް ބެއްލެވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެއްލެވުމާއި، ދަޢުވާއުފުއްލެއްވުން ނުވަތަ ޝަރީޢަތް ހިންގެވުން ލަސްވުމަށް ހުރި ސަބަބުތަކާއި، ނުފޫޒެއް ނެތި އިތުބާރުހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނޭ ފަދައިން އެ މައްސަލަތަކާމެދު ޢަމަލުކުރެވެމުދޭތޯ ޔަޤީންކުރުމަށް ބޭނުންވާކަމުގައި މެންބަރު ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން މިކަން ރައްޔިތުންގެ މަޖިލީހުން ބައްލަވައިދެއްވުމަށް މެންބަރު އިބްރާޙިމް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.



