ޓެސްލާ ކުންފުނީގެ ސީއީއޯ އަދި މަޝްހޫރު ބިލިއަނަރު އިލޯން މަސްކް އާއި އޭނާގެ ބައިވެރިޔާ، މަޝްހޫރު ލަވަކިޔުންތެރިޔާ ގްރައިމްސް އަށް ދާދިފަހަކުން ދަރިއަކު ލިބިފައިވާއިރު، މި ދަރިފުޅަށް ކިޔާފައިވަނީ އާދައިގެ ނަމެއް ނޫނެކެވެ. އެލޯން އޭނަގެ ދަރިފުޅަށް ކިޔާފައިވާ ނަން ހާމަކުރުމާއެކު، ގިނަ ބަޔަކު ވަނީ އެ ނަމަށް ފާޑުކިޔާ ވާހަކަދައްކާފައެވެ.
މި މަހުގެ 5 ގައި އިލޯން އާއި އޭނަގެ ބައިވެރިޔާ ގްރައިމްސް އަށް ލިބުނު ފިރިހެން ދަރިފުޅު އުރާލައިގެން ހުރި ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، ދެމީހުންގެ ދަރިފުޅަށް ދީފައިވާ ނަމަކީ، XAE A-12 އެވެ. ދަރިފުޅުގެ ނަން ހާމަކުރުމާއެކު އެންމެންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މި ނަމުގެ ފަހަތުގައި ވާ މާނައަށެވެ.
އެހެންނަމަވެސް މިދެބައިވެރިން ދިރިއުޅޭ ކެލިފޯނިއާގެ ގާނޫނުނުން މި ނަން ބަލައިނުގަތުމާއެކު، އިލޯން މި ވަނީ އެންމެފަހުން މި ނަން ބަދަލުކޮށްފައެވެ. ކެލޮފޯނިއާގެ ގާނޫނުން އެ ނަން ބަލައިގަނެވެން ނެތް ކަމަށް އަންގާފައިވާ ކަމަށްވެސް މީގެ ކުރިން އެލޯން ވަނީ ބުނެފައެވެ.
އިލޯން އާއި ގްރައިމްސްގެ މި ފިރިހެން ދަރިފުޅުގެ މިހާރުގެ ނަމަކީ، XAE A-Xii އެވެ. ނަމަށް ހަމައެކަނި އައިސްފައިވާ ބަދަލަކީ، ނަމުގެ ފަހު އިންގްލިސް ނިއުމަރިކަލް ނަންބަރު 12، ރޯމަން ނިއުމަރިކަލް ނަންބަރު Xii އަށް ބަދަލުކުރެވިފައިވުމެވެ. ސަބަބަކީ، މީހަކަށް ކިޔާ ރަސްމީ ނަމެއްގައި، އިންގްލިސް ނިއުމަރަލް އެއް ހުރުން ކެލިފޯނިއާގެ ޤާނޫނުން ހުއްދަ ނުދޭތީއެވެ.
ގްރައިމްސް އޭނަގެ އިންސްޓަގްރަމްގައި ބުނެފައިވަނީ، މިހާރު އޭނަގެ ދަރިފުޅުގެ ރަސްމީ ނަމަކީXAE A-Xii ކަމަށެވެ. އަދި ފޭނަކު މި ޕޯސްޓަށް ކޮމެންޓްކޮށްފައިވާއިރު، ފޭނުން ބުނީ ނަންބަރު 12 ފޮހެލުމުން ނަން މިހާރު މާ ރީތި ކަމަށެވެ.
ކެލިފޯނިއާގެ ޤާނޫނުގައި ވާގޮތުން، މީހަކަށް ކިޔާނަމުގައި އެކުލެވޭނީ، އިނގިރޭސިބަހުގެ 26 އަލްފެބެޓިކް އަކުރުތަކެވެ. ނަމަވެސް ޕަންޗުއޭޝަން މާކްގެ ތެރެއިން، ޑޭޝް އަދި އެޕޯސްޓްރޮފީ ބޭނުން ކުރެވިދާނެއެވެ.
އިލޯން އަދި ގްރައިމްސްގެ މި ފިރިހެން ދަރިފުޅަށް ކީ އާދަޔާ ޙިލާފު ނަމުގެ އަކުރު ތަކުގެ މާނައަށް ބަލާއިރު، AE އަކީ، އިލަވަން(11) ގެ ސްޕެލިންއެވެ. އަދި ނަންބަރު 12 އަކީ، އެމީހުންގެ ފޭވަރިޓް އެއަރކްރާފްޓް SR-71 އަށް ނިސްބަތްކޮށް ދީފައިވާ އަކުރެކެވެ. އަދި X އަކީ، "އަންނައުން ވޭރިއަބްލް"އެކެވެ.
— Elon Musk (@elonmusk) May 5, 2020
މި ދަރިފުޅަކީ، ލަވަކިޔުންތެރިޔާ ގްރައިމްސްގެ ފުރަތަމަ ދަރިފުޅެވެ. އަދި އެލޯންގެ ހަ ވަނަ ފިރިހެން ދަރިފުޅެވެ. އެލޯންއާއި އޭނަގެ ކުރީގެ އަންހެނުން، ލިޔުންތެރިޔާ ޖަސްޓިން ވިލްސަން އަށް ވަނީ ފަސް ފިރިހެން ކުދިން ލިބިފައެވެ.



