މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާހެން ހިންގަން ހުރި ތަނެއް ނޫންކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފާއިވާކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވަނިކޮށެވެ.
އިދިކޮޅުންވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނަ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްވެސް ކޮށްފައެވެ. ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އިދިކޮޅު ޕާޓީ ތަކުގެ މެމްބަރުން ވަޑައިނުގެންނެވި ނަމަވެސް އެކަން ފާހަގަ ނުވާ ކަމަށްވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ދެދުވަސް ވެސް ބޮއިކޮޓް ކުރީ ރައީސް ގަވާއިދާއި ޚިލާފުވެ މާރާމާރީ ހިންގާފައިވާތީ އިހުތިޖާޖު ކުރުމުގެ ގޮތުންކަމަށެވެ.
"މަޖިލިސް ރައީސް މާފަށް އެދެންޖެހޭ. މަޖިލިސް އަކީ ޖަންގަލީގައި ސިންގާ ވެރިކަން ކުރާހެން ހިނގަން ހުރި ތަނެއް ނޫން" އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.



