އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވް ވެފަައިވަނީ އައްޑޫ އިކުއެޓޯރިއަލް ކަރަންޓީން ފެސިލިޓީގައިހުރި އުމުރުން 65 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އެމީހާ ހުރީ އޭނަގެ މާމަ ދަރިފުޅާއެކު ކަރަންޓީންގައި އެއް ރޫމެއްގައި ކަމަށެވެ.
ނަމަވެސް މަބްރޫކް ވިދާޅުވެފައިވަނީ އެމީހާގެ މާމަ ދަރިފުޅުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށެވެ. ޕްޒިޓިވް ވި މީހާގެ ހާލު ރަނގަޅު ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ޕޮޒިޓިވް ވި މީހާ އައްޑޫއަށް ގެންގޮސްފައިވަނީ ޓްރާންސްސިޓް ކަރަންޓީންގެ ތެރެއިންނެވެ. މިއީ އައްޑޫ ސިޓީގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.
އައްޑޫ ސިޓީން މީހަކު ޕޮޒިޓިވް ވެފައިވާއިރު، ލޮކްޑައުންއަށް އިތުރު ލުއިތަކެއްދީ ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރު ކުރުމަށް ޚާއްސަ ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖޭގައި މިހާތަނަށް 1977 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.



