ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު ސައުދީ އަރަބިއްޔާގައި އިތުރު ވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު، ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ސައުދީގައި މިބައްޔަށް 4,267 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި މިހާތަނަށް 136,315 މީހަކު ސައުދީގައި ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި އެޤައުމުން 1,052 މީހަކު މަރުވެފައިވެއެވެ. އަދި މިބައްޔަށް ފަރުވާކުރެވި ރަނގަޅު ކުރެވިފައިވަނީ 89,540 މީހުންނެވެ.
މުޅި ދުނިޔެއިން 8 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 4,265,231 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3,462,272 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 3,407,646 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 54,626 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.