ގދ.ތިނަދޫން އިން އައްޑޫ ސިޓީއަށް ގެންދިޔަ 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިކަން ހާމަ ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި އައްޑޫ ސިޓީގެ އިންޓެލް ފުލުހުން އަދި ސިފައިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 5.5 ކިލޯގެ ހެރޮއިން އަތުލައިގަނެ، ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ތިން ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނެކެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އައްޑޫ ސިޓީއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 29 ވަނަ ދުވަހުގެ 17:20 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިންނެވެ.
ކަނޑުމަތިން އެމީހުން ދަތުރުކުރި ލޯންޗު ހުއްޓުވައި ބަލައިފާސްކުރިއިރު އެލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




