މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މިހާލަތުގައި މަޖިލީހުގައި ޖިމާއި ރެސްޓޯރެންޓް އެޅުމަށް އުޅުމީ ލަދުވެތި ކަމެއް

މިހާލަތުގައި ރައްޔިތުންގެ މަޖިލީހުގައި ޖިމާއި ރެސްޓޯރެންޓް އެޅުމަށް އުޅުމީ ލަދުވެތި ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓާއި ޖިމަކާއި މަޖިލީހުގެ މަސަައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ވިއްކާ ފިހާރައެއް ހެދުމާއި ގުޅޭގޮތުން އެކަމަށް ފާޑުވިދާޅުވެ، އެކަމަނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި ގައުމު އެދިގޮވަމުންދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފައިސާ ހަރަދު ކުރުމަށް ކަމަށެވެ. ނަމަވެސް މަޖިލީހުން ފެންނަމުންދަނީ އެ މަޖިލީހުގައި މުނިފޫހިފިލުވުމަށް ތަންތަން ހެދުމަށް ފަންޑްކުރަމުންދާ މަންޒަރު ކަމަށެވެ. އަދި މިއީ ލަދުވެތި މަންޒަރެއް ކަމަށްވެސް ދުންޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މަޖިލީހުގެ ސޯޝިއަލް ކްލަބުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގައި ހަދާ އެ ތަންތަން ހިންގާނީ މަޖިލީހުގައި މިހާރު އުފައްދާފައިވާ ސޯޝަލް ކްލަބުން ކަަމަށެވެ. މަޖިލީހުގައި ހެދި ރެސްޓޯރެންޓު ހުންނާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އާ އިމާރާތުގެ ޓެރަހުގަ އެވެ.

މީގެއިތުރުން މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލިހުގައި އެ ކްލަބުން ހެންސެޑް ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސޯޝަލް ކްލަބުގައި ތިބެނީ މަޖިލީހުގެ މެންބަރުންގެ އިތުރުން މުވައްޒަފުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ