މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިތަދޫ ފަޅު ގެއެއް ބަލަައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިތަކެތި ހޯދާފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހު 14:52 އެހާކަންހާއިރު ފުލުހުން ޕެޓްރޯލްކުރުމުގެ ތެރޭގައި ފަޅު ގެއެއް ބަލައިފާސްކޮށް، އެގޭތެރެއިންކަމަށެވެ. އެގޭ ތެރޭގައި ފޮރުވާވަނިކޮށް ހޯދި ތަކެތީގެ ތެރޭގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރި ސާމާނުތައް ހިމެނޭކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި އެކަންކަމުގައި ޝާމިލްވާ މީހުން ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.




