މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި އަލުން ހުކުރު ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވާ ކަމަށެވެ.
މާލޭގައި ހުކުރު ނަމާދު ކުރަން އަލުން މި ފަށަނީ 3 މަސް ދުވަސް ފަހުންނެވެ. ކޮވިޑް-19 މާލެއިން ފެނުމާއިއެކު މާލެ ފުރަބަންދު ކުރި ފަހުން މާދަމާ އަކީ އަލުން ހުކުރު ނަމާދު ކުރަން ފަށާ ދުވަހެވެ.
10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.#MVIaffairs
— Ministry of Islamic Affairs (@MVIaffairs) July 9, 2020
މާލޭގެ ފުރަބަންދަށް ޖުލައި 1 ވަނަ ދުވަހުން ފެށި ލުއިތަކެއް ދީފައިވާއިރު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. ނަމަވެސް ހުކުރު ނަމާދު ކުރުމަށް ހުއްދަ ދީފައި ނުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.