ސިންގަޕޫރަށް ދަތުުރު ކުރި އާގުބޯޓެއްގައި އޮތް ހާލުދެރަ ބަލިމީހަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އިންޑިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުުރު ކުރި "އެމްވީ ސީއީވީޑީއީޓީ - އޭ (މަލްޓާ ފްލެގް ކެމިކަލް ޓޭންކަރ) އާގު ބޯޓުގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓު، އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު 16:57 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ.ހުޅުމީދޫ ދެކުނުން 05 ނޯޓިކަލް މޭލާއި ހަމައަށް މިއަދު ހެނދުނު 07:40 ހާއިރު ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއަށް ވަނީ ނަގާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި މީހާ އައްޑޫ ސިޓީ ފޭދޫއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު އެމްއެންޑީއެފް އިން ގެންގޮސްދީފައިވާ ކަމަށާއި، އެމީހާ ގެންގޮސްދީފައި ވަނީ ބަނޑުގައި ރިއްސާ ކުއްލި ހާލަތުގައި ސިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިންވެސް ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގައި ޞިއްޙީފަރުވާއަށް ބޭނުންޖެހޭ ހާލަތްތަކުގައި ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.




