މިއަހަރު ނިމެންވާއިރަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް ވިދާޅުވެއްޖެއެވެ.
މިހާރު ނޫހަށް ދިން ހާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރޯހިތު ރަތިޝް ވިދާޅުވެފައިވަނީ، އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް ޕްރޮޖެކްޓަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓް ކަމަށާއި މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށޭވަރުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" ރޯހިތު ރަތިޝް ވިދާޅުވި އެވެ.
ރޯހިތު ރަތިޝް އިތުރަށް ވިދާޅުވެފައިވަނީ، މި ޕްރޮޖެކްޓުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށާއި އެއިރުން ވައިޑްބޮޑީ އެއާކްރާފްޓްތަކަށް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އެވެ. މިއީ އިންޑިއާ ސަރުކާރުގެ އެެއާޕޯޓްތައް ޑިޒައިންކުރާ ކުންފުންޏެވެ.
ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަށް އިންޑިއާއިން ދޫކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން މިހާތަނަށް ބޮޑު އަށް މަޝްރޫއެއް ރާއްޖޭގައިވަނީ ހިންގާފައެވެ.




ހިޔާލު
ކޮބައިތޯ ތިޔަ ބޮޑު 8 މަޝްރޫއަކީ؟ ހަރާމް ވާކަމެއް. 20 ރުފިޔާއަށް ޑޮލަރު އެރުވުން އެންމެ ބޮޑު ޕްރޮޖެކްޓަކީ