މޫސުމީ ވިއްސާރައާއި ގުޅިގެން ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތަކުގެ ސަބަބުން ފާއިތުވެދިޔަ މަސްދުވަހުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކުން 221 ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މީގެއިތުރުން މޫސުމީ ވިއްސާރައާއި ގުޅިގެން ބަންގުލަދޭޝް، ނޭޕާލް، އަދި އިންޑިއާގެ މިލިއަނަކަށްވުރެ ގިނަ މީހުން އެމީހުން ދިރިއުޅޭ ސަރަހައްދުތަކުން ރައްކާތެރި ހިސާބުތަކަށްވަނީ ގެންގޮސްފައެވެ. އަދި އެތައްހާސް ބަޔަކުވަނީ އުސް ހިސާބުތަކަށް ހިޖުރަކޮށްފައެވެ.
އިންޑިއާގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ފެންބޮޑުވުމުގެ ހާދިސާތަކާއި އަދި ކިސަޑު ފޭބުމުގެ ހާދިސާތަކާއި ގުޅިގެން އިންޑިއާގެ އިރުއުތުރު ސަރަހައްދުތަކުންވަނީ 101 މީހުންވަނީ މަރުވެފައެވެ. ނޭޕާލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުންވަނީ 117 މީހުން މަރުވެފައެވެ. އަދި ބަންގުލަދޭޝްއިން 03 މީހުން މަރުވެފައިވާ ކަމަށް އެގައުމުން މައުލޫމާތު ދެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާއި ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިންޑިއާގެ އައްސާމް ސްޓޭޓަށެވެ. މިގޮތުން މި ސްޓޭޓުގެ ކޯރުތައްފުރި ބަންޑުންވުމުގެ ސަބަބުން މިދިޔަ މަހުގެ ފަހުކޮޅުވަނީ 3.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.
މީގެއިތުރުން ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން އައްސާމް ސްޓޭޓުގެ އެކި ހިސާބުތަކުގައި ތާށިވެފައި ތިބި 4،000 މީހުންވަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަލާމަތް ކޮށްދީފައެވެ. އަދި މީގެއިތުރުން އައްސާމް ސްޓޭޓުގެ 36،000 މީހުންގެ ގެދޮރު ހަލާކުވެ ސަރުކާރުން ފޯރުކޮށްދީފައިވާ ވަގުތީ ހިޔާތަކަށް ބަދަލުވާންވަނީ މަޖުބޫރު ވެފައެވެ.



