ފޮޓޯ: މިހާރު

ބޯޑަރު ހުޅުވިފަހުން މިދިޔަ 10 ދުވަސް ތެރޭ 904 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިދިޔަ 10 ދުވަސް ތެރޭ 904 ފަތުރުވެރިން ރާއްޖެ އަތުވެއްވެއްޖެކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންއިން ވިދާޅުވީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިއަދާއި ހަމައަށް 904 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. މިގޮތުން މި 904 ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސި ރައްޔިތުންނެވެ. ދެން އެންމެ ގިނައިން އައީ އެމެރިކާ މީހުންނެވެ. ތިންވަނާގައި އޮތީ ޖަރުމަނެވެ.

އިނގިރޭސިވިލާތުން 117 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެމެރިކާއިން އައިސްފައިވަނީ 106 ފަތުރުވެރިންނެވެ. އަދި ޖަރުމަނުގެ73 ފަތުރުވެރިއަކު މިދުވަސްތަކުގައި އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބް

  • އިނގިރޭސިވިލާތް - 117 ފަތުރުވެރިން
  • އެމެރިކާ - 106 ފަތުރުވެރިން
  • ޖަރުމަން - 73 ފަތުރުވެރިން
  • ސުވިޒަލޭންޑް - 45 ފަތުރުވެރިން
  • ރަޝިޔާ - 45 ފަތުރުވެރިން
  • ފިލިޕީންސް - 35 ފަތުރުވެރިން
  • ޔޫއޭއީ - 31 ފަތުރުވެރިން
  • ސުޕެއިން - 31 ފަތުރުވެރިން
  • ހަންގޭރީ - 30 ފަތުުރުވެރިން
  • މިސްރު - 23 ފަތުރުވެރިން
  • އެހެނިހެން ގައުމުތަކުން - 368 ފަތުރުވެރިން

ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި 110 ދުވަހަށްފަހު އަލުން ބޯޑަރު ހުޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅިވިފަހުން މިއަދާއި ހަމައަށް މިވީ 10 ދުވަހެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއާވޭސްގެ ކިއު.އާރު 672 އެވެ. މި ފްލައިޓުން ރާއްޖެއަށް 128 ފަތުރުވެރިން އެދުވަހު އައިސްފައިވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ނަމައެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ