މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ ގެއްލުވާލިތާ 6 އަހަރު ވެފައިވާއިރު، އަދިވެސް ރިލްވާން ކުރިމަތީ ހުންނަހެން ހީވާކަމުވައި ރިލްވާންގެ މަންމަ ބުނެފިއެވެ.
ރިލްވާން ގެއްލުނުތާ 6 އަހަރު ފުރުމާ ދިމާކޮށް ރާއްޖެ ޓީވީން ގެނެސްދިން ރިލްވާންއާއި ގުޅޭ ޚާއްސަ އިންޓަވިއުއެއްގައި ރިލްވާންގެ މަންމަ ބުނެފައިވަނީ ރިލްވާން އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި، ރިލްވާންދެކެ އޭނާގެ މަންމަ ވަރަށް ލޯބިވާކަމަށެވެ. އަދިވެސް ރިލްވާން ކުރިމަތީ ފެންނަން ހުންނަހެން ހީވާ ކަމުގައި އޭނާގެ މަންމަ އަސަރާއެކު ރޮމުން ކިޔައިދީފައިވެއެވެ. އަދި ރިލްވާންގެ ހަނދާނެއް ދުވަހަކުވެސް ނުދާނެކަމުގައި އޭނާގެ މަންމަ ވަނީ ބުނެފައެވެ.
ރިލްވާންގެ ދިރިއުޅުން ކިޔައިދެއްވަމުން އޭނާގެ މަންމަ ބުނެފައި ވަނީ އޭނާ ދުވަހަކުވެސް ރުޅިއަކުން މީހަކާ ދިމާއަށް އެއްޗެއް ނުބުނާނެ ކަމަށާއި، ހުރިހާ ކަމެއްވެސް އެހާ ރަނގަޅަށް ކުރާނެކަމަށެވެ. ސަރުކާރަށްވެސް ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އެފަދަ ކަންކަމުގައިވެސް ބައިވެރިގެން އުޅޭނެ ކަމަށާއި، އެގޮތުން ސުނާމީ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ރައްރަށަށް ގޮސް އެހީތެރިވެ އުޅެފައިވާކަމުގައި އޭނާގެ މަންމަ ވަނީ ބުނެފައެވެ.
ރިލްވާންގެ މަންމަ ރޮމުން ކިޔައިދިން ގޮތުގައި ރިލްވާން ދުވަހަކުވެސް ދީނަށް ނުބައި ބަހެއް ނުބުނާނެ ކަަމަށާއި، ރިލްވާން އަކީ ދީނީ ކަންތައްތަކަށް ވަރަށް ހުރުމަތްތެރިކޮށް ހިތި ކުއްޖެއްކަމަށެވެ. "އޭނާ އަކީ ފަސްވަގުތު ނަމާދުކޮށް އުޅުނު ކުއްޖެއް" ރިލްވާންގެ މަންމަ ބުނެފައިވެއެވެ.
ރިލްވާން އާއި ގުޅޭގޮތުން އޭނާގެ ތިއްތަ ބުނެފައިވަނީ ރިލްވާންގެ ނަން ކިލަނބުކޮށްލަށް މީހުން ދައްކާ ވާހަކަ ތަކުގެ އެއްވެސް އަސްލެއް ނެތް ކަމަށާއި، ރިލްވާން އަކީ އިސްލާމް ދީން ދެކެ ލޯބިވާ ކުއްޖެއްކަމަށެވެ.
ރިލްވާން ގެއްލުނުތާ 6 އަހަރު ފުރުމާއި ދިމާކޮށް ރިލްވާންގެ ހަޔާތުގައި ދިމާވެފައިވާ ކަންތައްތައް ހިމަނައިގެން ލިޔެފައިވާ ފޮތެއްވެސް މިއަދު ވަނީ ނެރެފައެވެ.
ރިލްވާން ގެއްލުނުތާ އަހަރު ވެފައިވާއިރު، ރިލްވާންގެ މައްސަލަ ތަޙްޤީޤުކޮށް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ މަރުކޮމިޝަނުން މީގެ ކުރިން ވިދާޅުވެފައި ވަނީ ރިލްވާން ވަނީ ބަޔަކު ކަނޑުމަތީ މަރާލުމަށްފަހު ކަނޑު ފައްތާފައި ކަމަށެވެ.
އެގޮތުން މަރުކޮމިޝަންގެ އޭރުގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެފައިވަނީ ރިލްވާން މަރާލާފައިވަނީ އެޕާޓްމަންޓުން ގަދަކަމުން ރަތް ކާރަކަށް އަރުވައިގެން ގެންގޮސް، ޑިންގީއަކަށް އަރުވައިގެން، އަދި އިތުރު ކަނޑު އުޅަނދަކަށް އަރުވައިގެން ގެންގޮސް ކަނޑުމަތީގައި ކަމަށެވެ.
ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށްވެސް ސުޢޫދު ވަނީ ވިދާޅުވެފައެވެ.
ރިލްވާންގެ މައްސަލައަށް މިހާތަނަށްވެސް ވަނީ އިންސާފު ނުލިބިއެވެ.




